ލ.ގަމުގައި ހުންނަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ރީކޯ މޫސާ މަނިކުގެ އެމްއޯ ހޮޓެލްގެ ވޭނެއް ވަގަށް ނަގައިގެން ގެންދިއުމަށް ފަހު އެ ވޭނުގައި ރޯކޮށްލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ލ.ގަމުގައި ހުންނަ އެމްއޯ ހޮޓެލުގެ ވޭނެއް ހޮޓެލް ކައިރި ބާއްވާފައި އޮއްވައި ވަގަށް ނަގައިގެން ގެންގޮސް، އެރަށު މުކުރި މަގު ހައްތެއްޔާ ދިމާ އިރުމަތީ ފަރާތު އަތިރިމައްޗަށް ގެންގޮސް އެ ވޭނުގައި ރޯކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެމައްސަލައިގެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 21:15 ހާއިރު ކަމަށާއި، ފުލުހުން ދަނީ މިހާރު އެ ހާދިސާ ހިންގި ސަރައްހަދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
ވޭނުގައި ރޯކޮށްލާފައިވާ އަލިފާންގަނޑު ނިއްވާލާފައިވާއިރު، އެ ވޭން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ފުލުހުން މިހާރު އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން ދާއިރު، އަދި އެކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.