ޕާޓްނަރޝިޕް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންނަށް ރާއްޖޭގެ މިހާރުގެ ސަރުކާރު ބަލައިގަނެފައިވާ ކަމަށާއި، ކުރިން ގެއްލިފައިވާ އިތުބާރު ރާއްޖެއަށް އަލުން ލިބިފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމޭރެމުން ވާހަކަފުޅު ދެއްކެވީ، އިއްޔެ ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވަސް ޕާޓްނަރޝިޕް ފޯރަމުގެ ނިންމުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެއަށް ކުރިން ގެއްލިފައިވާ އިތުބާރު އަލުން ލިބިފައިވާ ކަމަށާއި، ބޭނުންވާ ފޮރިން އިންވެސްޓްމަންޓުގެ އެހީތައް ރާއްޖެއަށް ލިބި ޖަޒީރާ ރާއްޖެ ހާސިލް ކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، އެ ފޯރަމުގައި ބައިވެރިވެ ހުރިހާ ވަފުދަކުން ވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ދައުލަތުގެ ވަޒީރުންނާއި ފަންނީ މުވައްޒަފުންނާ ހަމައަށް ވެސް މިއަދު ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
ދެދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު އެ ފޯރަމުގައި ގިނަ ގައުމުތަކާއި އެކު ވަނީ އެހީގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ.