ރ.އުނގޫފާރު ނެރުމައްޗަށް ފަސް މީހުންނާއިއެކު ދަތުރުކުރަމުން ދިޔަ، "ކެރީ މީ" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުން ޖަހައިލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ބަންޑުން ޖަހާލާފައިވަނީ އުނގޫފާރުން ޖޯލި މޯލްޑިވްސް ރިސޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ކަމަށާއި، އެ ލޯންޗް ބަނޑުން ޖަހައިލީ ފަޅުން ނިކުތް ވަގުތު ނެރުމަތީގައި އިންޖީނު ހުއްޓިފައި ވަނިކޮށް ނެގި ރާޅެއްގެ ސަބަބުން ކަމަށެވެ.
އެ ހާދިސާގައި ދިވެއްސަކަށާއި ދެ ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުން އުނގޫފާރު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެބެ. އަދި އެމީހުންނަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އުނގޫފާރު ރައްޔިތުން ނިކުމެ މިހާރު ވަނީ އެ ލޯންޗް އެރަށު ފަޅު ތެރެއަށް ވައްދާފައެވެ.