ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 2-0 އިން އާޖެންޓީނާ ބަލިވުމުން އެ ޓީމުގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ފާޑުކިޔައިފިއެވެ.
މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މެޗު ކާމިޔާބުކޮށް، އެންމެ ގިނަ ގޯލް ޖަހާފައިވާ އާޖެންޓީނާ އަށް އެ މެޗުގައި ގޯލެއް ކާމިޔާބުނުކުރެވި ބަލިވުމަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމުގައިވާ ލިއޮނަލް މެސީއާއެކު އެ ޓީމަށް ލިބުނު ބޮޑު ލަދުވެތިކަމެކެވެ.
އެގޮތުން، އާޖެންޓީނާގެ ޓީވީ ޗެނަލެއްކަމަށްވާ ޓީވައިސީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި، ކޮލަމްބިއާ އަތުން ބަލިވުމުން މަރަޑޯނާ ވަނީ އޯޝެނިއާގެ ކުޑަ ގައުމެއްކަމަށްވާ ޓޮންގާ ވެސް އާޖެންޓީނާ ބަލިކުރާނެކަމަށް ބުނެ އެ ޓީމަށް ފާޑުކިޔާފައެވެ.
"މިހާރު ޓޮންގާ ވެސް އާޖެންޓީނާ ބަލިކުރާނެ." ޓީވައިސީ ސްޕޯޓްސް އަށް ދިިން އިންޓަވިއުގައި މަރަޑޯނާ ބުންޏެވެ.
މިއީ 1979 ވަނަ އަހަރުގެ ފަހުން މި މުބާރާތުގެ ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރެވެ.
މީގެއިތުރުން، މަރަޑޯނާ ވަނީ ތަޖުރިބާ މަދު ލިއޮނަލް ސްކަލޯނީއާ އާޖެންޓީނާ ޓީމުގެ ކޯޗުގެ މަގާމް ހަވާލުކުރުމުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށްވެސް ފާޑުކިޔާފައެވެ. އާޖެންޓީނާގެ ޖާޒީލައިގެން ކުޅުމުގެ މުހިއްމުކަން ނޭނގޭކަމަށް ބުނެ އެ ޓީމުގެ ކުޅުންތެރިންނަށް ވެސް މަރަޑޯނާ ވަނީ ފާޑުކިޔާފައެވެ.
އާޖެންޓީނާއާއެކު 1986 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ކެޕްޓަން މަރަޑޯނާ ވަނީ މީގެކުރީން 2008 އިން 2010 ވަނަ އަހަރުގެ ނިޔަލަށް ގައުމީ ޓީމަށް ކޯޗުކޮށްދީފައެވެ. އެގޮތުން، އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ ކުޅުނު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގައި އެ ޓީމު ކެޓީ ދެވަނަ ބުރުގައެވެ.
26 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބުކުރުމުގެ އަޒުމްގައި ނިކުތް އާޖެންޓީނާ ކުޅުނު މެޗުގައި ލަދުވެތިގޮތަކަށް ކޮލަމްބިއާ އަތުން ބަލިވުމުން އެ ޓީމަށް ކުރިއަށް އޮތް ދެ މެޗުން މޮޅުވުން ނޫންގޮތެއް ނެތެވެ. މިވަގުތު އެ ޓީމު އުޅެނީ ގްރޫޕް ބީ ގެ އެންމެ ފުލުގައެވެ. އެއްވަނައިގައި އުޅޭ ކޮލަމްބިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޕެރަގުއޭއާ ގަތަރަށް ޕޮއިންޓެއް ލިބިފައިވެއެވެ.
މި މުބާރާތުގައި އާޖެންޓީނާ އަށް ދެން އޮތީ އަންނަ ބުރާސްފަތު ދުވަހު ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ފަތިހު 05:30 ގައެވެ.