ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އާއްމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖުޑީޝާލް ސާރވިސް ކޮމިޝަނުން، ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ބެލުމަށް ނިންމާފައިވާއިރު، ރޭ 23:00 ގައި ދީދީ ޖޭއެސްސީއަށް ހާޒިރުކުރުމުން، އެބޭފުޅާގެ ވަކީލު އާދަމު އާސިފު ވަނީ އެމައްސަލަ އާއްމުކޮށް ހުޅުވައިލައިގެން ކުރިއަށްް ގެންދިއުމަށް އެދިފައެވެ.
ޖޭއެސްސީން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ފަސް ސުލޫކީ މައްސަލަ ބަލަމުންދާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ.
ފަނޑިޔާރު ދީދީގެ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މިއަދު ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގައި، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 6 މެމްބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީއަށް ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން، ތިން ފަނޑިޔާރެއްގެ މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެއީ ކޮން ތިން ފަނޑިޔާރުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ޖޭއެސްސީއިން ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވާ މައްސަލާގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށެވެ.