ކޮޕާ އެމެރިކާގައި ރޭ ކުޅުނު މެޗުގައި ޖަޕާނުގެ މައްޗަށް 4-0 އިން ކުރިހޯދައި މި މުބާރާތުގެ އެންމެފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޗިލީ އިން ފެށުން ރަނގަޅުކޮށްފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީ ގައި ހިމެނޭ އުރުގުއޭ އާއި ޗިލީ އަށް ވެސް ތިން ޕޮއިންޓާއެކު ފައިދާގޯލް އެއްވަރުވުމުން ދެ ޓީމު އުޅެނީ އެއްވަނައިގައެވެ. އެންމެ ފުލުގައި އުޅޭ އިކުއޭޑޯ އާއި ޖަޕާނަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ސައޮ ޕައުލޯގެ ސިސޭރޯ ޕޮމްޕެއު ޑެ ޓޮލޭޑޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޖަޕާން ކޮޅަށް ޗިލީގެ ފުރަތަމަ ގޯލް ޖަހައިދިނީ އެރިކް ޕުލްގާ އެވެ. މިއީ އެ ޓީމުގެ ޗާލްސް އަރަންގުއިޒް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި، ގިނަ ޒުވާން ކުޅުންތެރިންނާއެކު މި މުބާރާތަށް ނިކުތް ޖަޕާނަށް ލަނޑުޖެހުމަށް ޝޯޔާ ނަކަޖީމާ އާއި ނައޮމީޗީ ޔުއެޑާ އަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވެއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ޗިލީގެ ގޯލްކީޕަރު ގެބްރިއެލް އަރިއާސް މަތަކުރިއިރު ޖަޕާނުގެ ޓަކެފޫސާ ކޫބޯ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ. މި ހާފު ނިމުނީ 1-0 އިން ޗިލީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެތެރޭގައި، މެޗުގެ 54 ވަނަ މިނެޓުގައި މައުރީސިއޯ އިސްލާ ދިން ބޯޅައަކުން އިތުބާރު ފޯވާޑް އެޑުއާޑޯ ވާގަސް ވަނީ ޗިލީގެ ލީޑް ފުޅާކޮށްދީފައެވެ. އޭގެފަހުން، ޖަޕާނުގެ ޔުއެޑާ އާއި ކޫބޯ އަށް ވަނީ އެ ޓީމަށް ސުންކަނޑުވާލައިދިނުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ.

ޗިލީ އިން ޖެހި ތިންވަނަ ލަނޑު، މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މި މެޗުގައި ރަނގަޅު ކުޅުމެއްދެއްކި އަލެކްސިސް ސަންޗޭޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީވެސް އެ ޓީމުގެ އަރަންގުއިޒް އެވެ. އޭގެ މިނެޓެއްފަހުން، ޗިލީގެ ފަހުލަނޑު، ޖަހައިދިނީ އެޑުއާޑޯ ވާގަސް އެވެ. މިއީ ސަންޗޭޒް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. 

މި މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި، ދަންވަރު 02:30 ގައި ބޮލިވިއާ ނުކުންނާނީ ޕެރޫއާ ދެކޮޅަށެވެ. އަދި ފަތިހު 05:30 ގައި ބްރެޒިލް ކުޅޭނީ ވެނެޒުއޭލާއާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *