ދިވެހިންނަކީ ޒަމާނުއްސުރެއް ބޯދާ ޤަބޫލުކުރުންތައް ޤަބޫލުކުރާ ބައެކެވެ. އެގޮތުން ބައެއް ކަންކަމުގެ ހަޤީޤަތް ދުވާލުގެ އަލިކަން ފަދައިން ފެންނާން އޮތް ނަމަވެސް އެކަން ޤަބޫލު ކުރުމަށް ބައެއް ދިވެހިން ބޭނުމެއް ނުވެއެވެ. އަދި ކޫސަނި ނުވަތަ އެއްވެސް ތާކުންތާކުން ނުޖެހޭ ކަންކަމުގައި އަރާރުންވެ، ދެބަސްވުމަކީ ބައެއް ދިވެހިންގެ ކަށީގައި ހަރުލާފައިވާ ކަމެކެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ ނުވަތަ ކައިވެނިކުރަން އުޅޭ އަންހެން މީހާގެ އުމުރު، ފިރިހެން މީހާއަށް ވުރެ ބޮޑުވުމަކީ ބައެއް ދިވެހިންނަށް މާ ކަމުދާ ކަމެއް ނޫނެވެ.
ގިނަ ދިވެހިންނަށް ޤަބޫލު ކުރެވިފައި އޮންނަނީ ފިރިމީހާ އަނބިމީހާއަށް ވުރެ އުމުރުން ބޮޑުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަމުގައި އެއްވެސް އަސާސެއް ނެތް ކަމެކެވެ. އެހެނީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ކައިވެނިކުރާ އަންހެންމީހާ، ފިރިހެން މީހާއަށް ވުރެ ހަގުވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުންވެސް އެކަން އެގޮތައް ސާބިތުވެފައެއް ނުވެއެވެ.
މާތްވެގެންވާ އިސްލާމްދީން ބާރު އަޅަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ތިމާ ހިތް އެދޭ ބަޔަކާއި ކައިވެނި ކުރުމަށެވެ. އަދި އެފަދައިން ކަންތައް ނުކޮށްފިނަމަ ބިމުގައި ފިތުނަ ފަސާދަ އުފެދޭނެ ކަމަށް ބަޔާންކުރައްވާފައިވެެއެވެ. ކައިވެނީގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ އެއް ފަރާތަކީ ފިރިމީހާއެވެ. އަނބިމީހާގެ މައްޗަށް ބާރުފޯރުވޭ މީހެއްކަމުގައި ފިރިމީހާ ވަނީ މި ސަބަބަށްޓަކައެވެ. ފަހަރުގައި، ފިރިމީހާ އަންހެން މީހާއަށް ވުރެ އުމުރުން ބޮޑުވާން ޖެހެނީ މި ސަބަބާއި ހުރެ ކަމަށްވެސް ވެދާނެއެވެ.
ކައިވެނީގެ މަޝްއޫލިއްޔަތަކީ ދެމެފިރިންގެ މެދުގައި ބަހާލެވިގެން އުފުލަން ޖެހޭ މަޝްއޫލިއްޔަތުތަކެވެ. އަނބިމީހާ ފިރިމީހާއަށް އަދާކޮށްދޭން ޖެހޭ މަޝްއޫލިއްޔަތުތައް ވާ ބީދައިން ފިރިމީހާވެސް އަނބިމީހާއަށް އަދާކޮށްދޭން ޖެހޭ މަޝްއޫލިއްޔަތުތަކެއްވެއެވެ. ދުޅަހެޔޮ ކައިވެންޏަކަށް މުހިންމީ ކައިވެނީގެ ސަބަބުން ލާޒިމުވާ ކަންކަން އިހުމާލުވުމެއް ނެތި ދެމެފިރިން އެކަކު އަނެކަކަށް އަދާކޮށްދިނުމާއި މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި ފައިތިލަ ސާބިތުކުރުމެވެ.
ދެމެފިރިންގެ ދެމެދުގައި އުމުރުގެ ފަރަޤު ހުށްޓެއް ކަމަކު އެ ދެމެފިރިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބި ދެމެފިރިން ކަމުގައިވާ ނަމަ އެ ދެމެފިރިންގެ ކައިވެނީގެ ގޮށް މޮހާލުމަކީ ނުވަތަ މޮހެވުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. އެހެންކަމުން އަނބިމީހާ އުމުރުން ބޮޑުވުމުން އެކަމާއި ދެރަވެ، މާޔޫސް ނުވާށެވެ. ނުވަތަ ފިރިމީހާ ތިބާއަށް ވުރެ ހަނގުވުމުން އެކަމާއި ރުންކުރުވެ، އުންމީދު ކަނޑާނުލާށާށެވެ.