ޖަޒީރާވަންތަކަންމަތީ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަމާއި، ބަހާއި ސަގާފަތާއި ތަރިކަ ދަމަހައްޓައިގެންކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން، އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް މިއީ ދިގު ތާރީޚެއް އޮތް، އަމިއްލަވަންތަ ދިރިއުޅުމުގެ އާދަތަކެއް އޮތް ޤައުމެއް ކަމަށެވެ.
ހިރިގަލުން ބިނާކޮށްފައިވާ މިސްކިތްތައް ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތް ކަމަށް ވިދާޅުވަމުން، މިނިސްޓަރ ޔުމްނާ ވިދާޅުވީ، އެއީ ދިވެހިންގެ އަމިއްލަވަންތަކަމުގެ އެއް މިސާލު ކަމަށާއި އަދި އެއީ ދިވެހިންގެ އިސްލާމީ ތާރީޚާއި ހުނަރުވެރިކަމުގެ ރަމްޒެއް ކަމަށެވެ.
މިނިސްޓަރ ޔުމްނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ހުނަރުވެރި ފަންނުވެރިން އެބަ ތިބިކަމަށާއި، އަދި ޚާއްސަކޮށް ވިޜުއަލް އާޓްސް އާއި ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ހުނަރު ކުރިއެރުވުމަށް ފުރުޞަތުތައް ހޯދައިދެއްވުމަށް ފޯރަމްގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދާ، އެ ފޯރަމުގައި ވަނީ މިނިސްޓަރުންނާއި އަދި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންފައެވެ.