ޕޯޗުގަލްގެ ބެންފީކާއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ޔާއޯ ފެލިކްސް އަންނަ ސީޒަނުގައި ފެންނާނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕޯޗުގަލްގެ ފުޓްބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި އެ ގައުމުގެ ގިނަ ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރާ އުމުރުން 19 އަހަރުގެ ފެލިކްސް ގެންދަން މަސައްކަތްކުރާ ކްލަބުތަކުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިމެނެއެވެ.

ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން ވަރަށް އަވަހަށް ފެލިކްސް އެތުލެޓިކޯ އަށް ބަދަލުވާނެއެވެ. އެގޮތުން، ބެންފީކާއާއެކު ފެލިކްސް ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެތުލެޓިކޯ އަށް ވިއްކާލަނީ 120 މިލިއަން ޔޫރޯ އަށެވެ. މިއަގަށް އެތުލެޓިކޯ އަށް ފެލިކްސް ބަދަލުވެއްޖެނަމަ އޭނާ ވެގެންދާނީ ކްލަބުގެ ތާރީޚުގައި އެންމެ ބޮޑު އަގެއްގައި ބަދަލުވާ ކުޅުންތެރިޔާއަށެވެ. އެތުލެޓިކޯ އިން މިހާތަނަށް އެންމެ ބޮޑު އަދަދަކަށް ގެނެސްފައިވަނީ މިދިޔަ އަހަރުުގެ ޖުލައި މަހު ފްރާންސްގެ މޮނާކޯ އިން 65 މިލިއަން ޔޫރޯ އަށް ބަދަލުވި ތޯމަސް ލެމާ އެވެ.

އެންމެފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިހާ ޒުވާން ކުޅުންތެރިއަކަށް ބޮޑު ހޭދައެއް ކުރުމަށް އެތުލެޓިކޯ އިން ނިންމާފައިވަނީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެ ޓީމު ދޫކޮށްލާނެކަމުގެ ޔަގީންކަންދީފައިވާތީވެ، އޭނާ ނެތްތަން ފޫބެއްދުމަށްޓަކައެވެ. ބެލެވޭގޮތުގައި، ގްރީޒްމަން ބަދަލުވާނީ ބާސެލޯނާ އަށެވެ.

އެޓޭކިން މިޑްފީލްޑަރަކަށާއި ދެ ފަޅިން ވެސް ކުޅޭ ފެލިކްސް ވަނީ ނިމިދިޔަ ސީޒަނުގައި ބެންފީކާގައި މޮޅު ކުޅުމެއް ދައްކައި 20 ގޯލް ކާމިޔާބުކޮށް 11 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *