ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ވެސް ދައުލަތުގެ ހިންގުމަށް ބުރައަރާފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވާ ގޮތުގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ މި ދައުލަތުގެ އެންމެ އަސާސީ ސިފައެއް ކަމަށާއި އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ޤާނޫނުއަސާސީން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށެވެ. މީގެ އިތުރުން ޤާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާތަކަކީވެސް އެ މުޢައްސަސާތަކުގެ މުސްތަޤިއްލުކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ތަންތަން ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އެ ބާރުތަކާއި މުޢައްސަސާތަކުގެ މަސައްކަތްތައް ޤާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަޤިއްލު މުޢައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީންކަމަށްވެސް ރައީސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ޤާނޫނުއަސާސީން އެކަށައަޅާފައިވާ މުޢައްސަސާކަމަށްވާއިރު އެ މުޢައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުޢައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެއީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ. ހަމައެއާއިއެކު އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުމެވެ. އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، އަދި ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ޤާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫންކަމަށް ވެސް އެނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުޢައްސަސާތަކުން ޤާނޫނުއަސާސީއަށާއި، ޤާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމާއެކު، މިދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުޢައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.
ދިވެހިރައްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެ ނޫސްބަޔާނު މެދުވެރިކޮށް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވައިފައެވެ.
އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަައްވަން ޖެހިވަޑައިގަންނަވާ، އެންމެހައި ކަންކަން ފަސްޖެހުމެއްނެތި، ކުރައްވާނޭ ކަމުގެ ޔަޤީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަރުއްވައިފައެވެ.
މިއަދުގެ ވަގުތެއްގައި ސްޕްރީމް ކޯޓުން ނެރުނު ބަޔާނުގައިވަނީ ޖޭއެސްސީން ސްޕްރީމްކޯޓުގެ ނިންމުމާ ޙިލާފަށް ނިންމާކޮންމެ ނިންމުމެއްގެ މައްޗައް އެހެން މުއައްސާތަކުން ނިންމާ ކޮންމެ ނިންމުމަކީ ބާޠިލް ނިމްމުމެއްކަމަށް ކަނޑައެޅޭނޭކަމަށެވެ.