ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައާއި ގުޅިގެން، ސުޕްރީމްކޯޓްގެ ނިންމުމާއި ހިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ނިންމައިފިއެވެ.
ސުޕްރީމު ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމު ކޯޓުން، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން ނެރުނު ހުކްމަށް އަމަލު ކުރުން ފަސްކުރުމަށް ކުރި އަމުރަށް ކިޔަމަންނުވެ، އެ އަމުރާއި އެއްގޮތަށް ކަންތައް ނުކުރުމަކީ، ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ.
އަދި، ސުޕްރީމު ކޯޓުން ދީދީގެ ސަސްޕެންޝަން ލަސްކުރުމަށް ކުރި އަމުރަކީ، އެ، ކޮމިޝަންގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅައި އަމުރެއް ކަމަށް ޖޭއެސްސީގެ އެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބުއްޔަތުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި ގާނޫނު އަސާސީ އާއި ޖޭއެސްސީއަށް ލިބިފައިވާ ގާނޫނީ އިހްތިސޯސުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މީގެއިތުރުން، ޖޭއެސްސީން، ސުޕްރީމް ކޯޓްގެ އަމުރަށް އަމަލު ނުކުރުމަށް ނިންމި ނިންމުމަކީ، އެ ކޮމިޝަންގެ މެމްބަރުންގެ ހުވައާއި، ކޯޓްގެ ހުރުމަތް ކެނޑޭގޮތަށް އަދި އަދުލުއިންސާފަށް ހުރަސް އެޅޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
"ޖޭއެސްސީގެ ނިންމުމުގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ އޭގެ މައްޗަށް ޝަރުއީ އަދި ގާނޫނީ އެއްވެސް ނަތީޖާއެއް ތަރުތީބުވެގެން ނުދާނެ ޣައިރު ދުސްތޫރީ ޣައިރު ގާނޫނީ ނިންމުމެއް،" ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ޖޭއެސްސީން ހިންގާ ކޮންމެ އިޖްރާއާތެއް ވެސް ބާތިލްވާނެ ކަމަށާއި އެ ކޮމިޝަންގެ ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ނިންމާ ނިންމުންތައް ވެސް ބާތިލްވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވެސް ވަނީ ރޭގައި، ޖޭއެސްސީން، ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ނުކުރަން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ނިންމާފައެވެ.