އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، އޭޑީބީ އިން ރާއްޖެއަށް 11 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.
މި އެހީ އަކީ ކްރޮސް ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ހައި ޓެކް ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތަށް ދޭ އެހީއެކެވެ.
އޭޑީބީ އިން ދޭ އެހީގައި ހިމެނެނީ ފަސް މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނަކާއި ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން ޓެކްނިކަލް އެސިސްޓެންސް އަށްދޭ އެއް މިލިއަން ޑޮލަރެވެ.
އޭޑީބީއިން ދޭ މިއެހީގެ އެއްބަސްވުމުގައި ސޮއިކުރާނީ މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދާ މިއަހަރުގެ ޕާރޓްނަރޝިޕް ފޯރަމްގެ ތެރެއިންނެވެ.
މި މަޝްރޫއަށް ޖުމްލަ 11.9 މިލިއަން ޑޮލަރު ހަރަދުވާއިރު ދިވެހި ސަރުކާރުން މި މަޝްރޫއަށް 1.99 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ. އަދި އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.