ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ އިންތިހާބު އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީ އިން ކުރި އިއުލާނެއްގައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ އިންތިހާބު އަންނަ މަހު އޮންނާނެ ކަމަށެވެ. އަދި މަގާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިމަހުގެ 30 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕަށް އިންތިހާބު ކުރާ މަގާމުތަކަކީ ޕީޖީ ލީޑަރާއި ދެ ޑެޕިއުޑީ ލީޑަރުންނާއި އަމީން އާއްމާއި އަމީން އާއްމުގެ ނާއިބުގެ އިތުރުން ޗީފް ވިޕް އަދި ވިޕުންގެ ގޮތުގައި ހަ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ޕާޓީތަކުގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރުންނާއި ވިޕުންގެ މައުލޫމާތު ހިއްސާ ކުރުމަށް ޕާޓީތަކަށް އަންގާފައެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން މިހާރު ވަނީ ޕީޖީ ލީޑަރުން ކަނޑައަޅާފަ އެވެ. އެގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރަކީ އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމެވެ. ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރަކީ މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ. އަދި ޕީއެންސީގެ ޕީޖީ ލީޑަރަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ.