ކުނިބުނި ޖެހި ކުނިބުނި ހަރުލާތަނެއްގައި އިތުރު ބައިވަރު މައްސަލަތައް ފުނި ޖެހޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެެވެ. އެހެނީ ބޭނުން ކެނޑިފައިވާ އޭތިމީތި ތަންތަނުގައި ގިނަވެއްޖެނަމަ ވާންހުރިހާ އެއްޗެއްވެ ނިމިދާނެއެވެ. ދުނިޔެ މަތިން އަދި ލޯ ކުރިމަތިން ފެންނަމުން ދަނީ މި މަންޒަރެވެ. ބަލާލި ކޮންމެ ދިމާއެއްގައިވެސް ކުނިތައް ހަރުލާ ފުރިފައެވެ. ބޭނުން ކެނޑިފައިވާ އޭތިމީތިން މުޅި ޤައުމު މިވަނީ ނަޖިސްވާން ފަށާފައެވެ.

މީގެ ދުވަސްކޮޅެއް ކުރިޔަށް ޖެހިލާނަމެވެ. މި ކުޑަކުޑަ ޤައުމުގައި އޭރު ވެރިކަން ކުރަމުން ދިޔަ ފަރާތްތަކުން ޤައުމުގެ ހުރިހާ ދިމާއަކަށް ކުނިތައް ވައްދާ ފުރާލިއެވެ. ވެމްކޯ މެދުވެރިކޮށް ކުނިތައް ތިލަފުއްޓަށް ގެންދިޔަ ނަމަވެސް ދެން އެހެން ހުރިހާ ދިމާއެއްގައި ކުނިތައް ދިޔައީ އަތުރަމުންނެވެ. ވަކި ތަނެއް ނުބަލައެވެ.

ދިވެހި ބައިތުލްމާލު ފެންނަ ހިސާބުން ފެށިގެން ގޮސް، ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ އަދާލަތު ގޭގަވެސް ކުނިބުނިތައް ގިނަކޮށްލިއެވެ. އެކުނި ބުނިތަކުގެ އޭރުގެ މަސައްކަތްތައް ވަރަށްވެސް ތަފާތެވެ. ބައިތުލްމާލު ފެންނަ ފަށުގައި ހުރި ކުނިތަކުގެ ތެރެއަށް ބައިތުލްމާލުގެ ބޮޑުބައި ގެއްލުވާލިއެވެ. ރައްޔިތުންގެ މަޖިލީހުގައި ޖެހުނު ކުނިތަކުގެ ސަބަބުން މުޅި ޤައުމު ލޫޓުވާލުމަށް އެކުނިތަކަށް ހާސްބައި ފަސޭހަވެގެން ދިޔައެވެ. އަދާލަތުގެ އަދި އޮތީ މުޅިން އެހެން ހަރުފަތެއްގައެވެ. ކުނިތަކުގެ މަސައްކަތް މުޅިން އެހެން ލެވެލެކެވެ. އަދާލަތުގެއަށް ގެންދާ ހަރުކުލައިގެ ސިޔާސީހެން ހީވާ މީހެއްނަމަވެސް ހަމަ ފަޓާސް ބަރިއެއްހެން ގެންގޮސް ހުރަގެއަށް ވައްދައެވެ.

މިކަމުގައި ވޭތުވީ އެންމެ ދުވަހެއް ދެ ދުވަހެއް ނޫނެވެ. ފުރިހަމަ 7 އަހަރެވެ. ހަތް އަހަރު ފަހުން ރައްޔިތުންނަށް އެ ކުނިބުނިތަކުން ސަލާމަތްވާން މަޖުބޫރި ވީއެވެ. އެކި ދިމަދިމާއަށް ވެރިވެގެންފައި ތިބި ކުނިބުނިތައް އުންމީދުކޮށްގެން ތިބީ ގިޔާމަތާއި ޖެހެންދެންވެސް އެ ވަރުގަދަކަމާ، ބާރު ދެއްކުމުގެ ތިބެވޭނެކަމަށެވެ. އަދި އަނެކުންނަށް ބިރުދައްކާ ހާލުގައި ޖެއްސުމަކީ މި ކުނި ބުނިތަކުގެ އާދައެވެ.

އެދުވަސްތައް މާޒީގެ ސަފުހާތަކުގެ ތެރެއަށް ވަދެ ފިލައިފިއެވެ. ނިމިދިޔަ އަހަރު ފެށިގެން ސެޕްޓެމްބަރު މަހާއި ހަމައަށް އެ ކުނިބުނިތަކުގެ ގޯސްވާހަކައާއި ނަޖިސްވާހަކަ ބަޔަކު ދައްކާ ރައްޔިތުންނަށް ވިސްނަދިނީ އެ ކުނިބުނިތައް ފޮޅާ ސާފުކުރަން ވެއްޖެކަމެވެ. އަދި އެ ކުނިބުނިތަކުން މިންޖުވާން ވެއްޖެކަމަށެވެ. ރައްޔިތުން ގޮތް ނިންމީވެސް އެ ކުނިބުނިން ސަލާމަތްވާށެވެ. ގޮތް ނިންމަން ވޯޓު ލާން ގޮސް މަރުކަޒަށް ވަތް އިރު އެތަންވެސް އޮތީ ކުނިބުނިން ފުރާލާފައެވެ. ނަމަވެސް ހިތްވަރާއެކު ރައްޔިތުންގެ ނިންމުން ރައްޔިތުން އިއްވިއެވެ.

އޭރުގަ އޮތްވެރިކަން ބަދަލުވެ، ފެށުނު ވެރިކަމަށް ހަތްމަސް ފުރިއްޖެއެވެ. ކުނިބުނި ސާފުވީ އެންމެ ތަނެއްގެ ތެރެއިންނެވެ. ރައްޔިތުން ނިކުމެ ރައްޔިތުންގެ މަޖިލީހުގައި ޖަހާފަ ހުރި ފެއްސަށް ދާންދެން ކަހާ ސާފުކޮށްފިއެވެ. ނަޖިސްތަކުން އެ މަޖިލިސް ސާފުކޮށް ނިންމައިފިއެވެ.

ނަމަވެސް އަދިވެސް ކުނި ބުނިތަކުން ޤައުމު ސަލާމަތް ވާތަނެއް ނުފެނެއެވެ. އަދާލަތުގެ ތެރޭގައި ހުރި ކުނިބުނިތައް އާރާއި ބާރާއެކު ވަރުގަދަކަން ދެއްކުމުގައި އަވަދިނެތި ހޭލަމޭލަވެ އުޅެމުންދަނީއެވެ. ވަކިވަކި ކުނިކޮޅުވެސް އެންމެ ވަރުގަދަ އެވެ. އޭގޭން ކުނިކޮޅެއްގައި އަތްލުންވެސް މަނަލެވެ. ފޮޅާ ސާފުކޮށްލަން ހިތު ނިޔަތްގަތަސް އެ ނިޔަތްވެސް ބާޠިލްކޮށްލަނީއެވެ. އެންމެ ފަހު ބަސްބުނަނީ އެ ކުނިތަކުންކަމަށް ދައުވާކުރުމުގައި ދެމިތިބެނީއެވެ.

އަދާލަތުގެ އެކަންޏެއް ނޫނެވެ. ދައުލަތުގެ ކުންފުނިތަކުގައި ވެރިކަން ކުރަމުންދަނީވެސް އެ ކުނިބުނިތަކުންނެވެ. ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ހުރީ އެ ކުނިބުނިތަކާއި ޖެހި ތާށިވެފައެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް އެ ކުނިބުނިތަކެވެ. އެ ކުނިބުނި ތަކުން އުފެދޭ ފަނިފަކުސާތަކާއި  ހެދި މުޅި ނިޒާމު މިދަނީ ހަރާބުވަމުންނެވެ.

ރައީސް ޞާލިހުއެވެ. ދިވެހިރައްޔިތުން މަނިކުފާނަށް ވޯޓު ދެއްވީ ވަރަށް ބޮޑު އުންމީދެއްގައެވެ. ކުނިބުނިތަކުގެ ތެރޭގައި ދައުލަތް ހުއްޓުމަކަށް ދިޔަނުދެއްވާށެވެ. ކުނިބުނިތަކުން ރައްޔިތުން މިންޖުކޮށްދެއްވާށެވެ. ރައްޔިތުންގެ އުންމީދީ ވެރިކަމެއް ކުރެއްވުމަށް މަނިކުފާނަށް އޮތްހަމަ އެކަނި މަގަކީ ކުނިބުނިތަކުން މި ކުޑަކުޑަ ޤައުމާއި، މި ދައުލަތް ސަލާމަތްކޮށްދެއްވުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *