މަރުކަޒީ ބޭންކު, އެމްއެމްއޭގެ ކްރެޑިޓް ރިޕްލޭސްމެންޓް ސްކީމް އިސްލާހް ކުރަން ޖެހޭ ކަމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީއެއް ދޭން ގޮވާލާ މިއަދުގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުޝް ކުރައްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދޫކުރަނީ 50 މިލިއަން ރުފިޔާ ކަމަށާއި އެއީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.
"ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ދަައުލަތުން މި ދެނީ 50 މިލިއަން ރުފިޔާ، ދިވެހިރާއްޖޭގެ ޒުވާން ވިޔަފާރިވެރިން ކުރިއަށް ދާން ބޭނުންވާ ނިސްބަތަށް ބަލާއިރު އެއީ ވަރަށް ކުޑަ ކުޑަ އަދަދެއް." ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ސައީދު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސޮވެރިންގ ގެރެންޓީ ދޭން އެބޭފުޅާ ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް ސޮވެރިންގ ގެރެންޓީ ދެވޭނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން އެކަށައަޅާފައިވާ ކްރެޑިޓް ގެރެންޓީ ސްކީމަށް ބަދަލުތަކެއް ގެނެސް އެ ސްކީމު އިސްލާހުކޮށްގެން ކަމަށެވެ.
"އަޅުގަނޑުވެސް އެއްބަސް ކާށިދޫ ދާއިރާގެ މެންބަރަށް. އެމަނިކުފާނުގެ ހުށަހެޅުމަކީ ސިޔާސަތުގެ ޔަޤީންކަމެއް ނުވަތަ ސޮވެރިންގ ގެރެންޓީ ކުދި ވިޔަފާރިތަކަށް ދިނުން ކަމުގައި ވިޔަސް އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ މިހާރުވެސް މަރުކަޒީ ބޭންކުގެ އެކަށައެޅިފަ އެހެރެ ކްރެޑިޓް ގެރެންޓީ ސްކީމް، އޭގެ ރިޕްލޭސްމެންޓެއްގެ ގޮތުގައި މި ސަރުކާރުން އިތުރު ސަމާލުކަމެއް ދީގެން ރަނގަޅު ކުރެވޭ ނަމަ އެކަން ވެގެންދާނީ، ކާށިދޫ ދާއިރާގެ މެންބަރު އެ ހުށަހެޅުއްވި މައްސަލައަށް ހައްލެއް ކަމަށް" ސައީދު ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ރާއްޖޭގައި އެހާބޮޑަށް ކުރި އަރައިގެން ނުދަނީ ބޭންކުތަކުން ދޫކުރާ އިންޓަރެސްޓް ރޭޓު ބޮޑު ކަމުން ކަމަށެވެ.
"މި ފައިސާ މާ ބޮޑަކަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފޯރާ ގޮތެއް ނުވި. ނުވި ސަބަބަކީ އިންޓަރެސްޓް ރޭޓް ނުވަ އިންސައްތަ، 10 އިންސައްތަ، ބައެއް ހާލަތްތަކު 12 އިންސައްތައިގައި ހުރީމަ. އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ނުވަތަ ފަސޭހަ ރިސްކު ފްރީ ގޮތަކަށް ކައިރިވެވެން ނެތީމައޭ" ސައީދު ވިދާޅުވިއެވެ.
މެންބަރު ސައީދު ވިދާޅުވީ، މިސަރުކާރުން ހުޅުވި އެސްއެމްއީ ބޭންކުގެ މަސައްކަތް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ކުރެއްވި ކަމަށެވެ.
މުހައްމަދު ސައީދަކީ މަޖިލީހުގެ ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައްޔާއި، އިޤްތިސާދީ ކޮމެޓީގައިވެސް ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.