ރާއްޖެއަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ގައުމެއް ކަމަށާއި، ދިވެހިންނަކީ ތަރައްގީ ހާސިލުކުރަން ބޭނުންވާ ބަޔެއް ކަމަށާއި، ނަމަވެސް، ތަރައްގީއަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހަލާކު ނުކޮށްލެވޭނެ ކަމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެމޭރެމުން ވާހަކަފުޅު ދެއްކެވީ، މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި، މޯލްޑިވްސް ޕާރޓްނަޝިޕް ފޯރަމުގެ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، އެބޭފުޅާގެ ސަރުކާރުން ގެންނާނީ ދެމެހެއްޓެނެވި ތަރައްގީއެއް ކަމަށާއި އަދި، ރާއްޖެ އަކީ ގުދުރަތީ ރީތިކަމާއި ނާޒުކު ތިމާވެއްޓަކަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަށްވާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ގުދުރަތީ ކާރިސާތަކާ ކުރިމަތިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ލާމަރުކަޒީ އުސޫލުތައް އެކުލަވައިލައިފައި ވަނީ މާލެއާއި، އަތޮޅުތަކުގެ ރަށްރަށާއި، ދެމެދު ހުރި ތަފާތުތައް ނައްތައިލައި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޭން ޖެހޭ ހައްގުތައް ހޯދައިދިނުމަށް އިސްކަން ދީގެން އެކަމަށް ވިސްނުން ބަހައްޓައިގެން ކަމަށެވެ.
ރައީސް ވިދާޅުވީ، ބޭސްފަރުވާ އަދި ތައުލީމް ފަދަ އަސާސީ ބޭނުންތަކަށް، އަތޮޅުތެރޭގައި އުޅޭ ރައްޔިތުން މާލެ އަންނަ ޖެހުމަށް ނިމުމެއް ގެންނަ ޖެހިފައިވާ ކަމަށެވެ. އަތޮޅު ތަކާއި ރަށްތައް ތަރައްގީ ކުރާނެ އެންމެ ރަނގަޅު ގޮތް ނިންމަން ވެސް އެނގޭނީ އެ އަތޮޅެއް ނުވަތަ ރަށެއްގެ ރައްޔިތުންނަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.
މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި ފޯރަމް އަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ކަންތައް ޑިވެލޮޕްމެންޓް ޕާޓްނަރުންނާ ހިއްސާކުރުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމުގައި ވަނީ ބޭރު ގައުމުތަކުގެ ވިޔަފާރިވެރިން ވެސް ބައިވެރިވެފައެވެ.