މިހާރު އިންގްލެންޑް އަދި ވޭލްސްގައި ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި ރޯހިތު ޝަރްމާ ހެދި ދެވަނަ ސައްތައާއެކު، ވާރޭގެ ސަބަބުން އެކި ފަހަރުމަތީން މެދުކަނޑާލަންޖެހުނު މެޗުގައި ވާދަވެރި ޕާކިސްތާން އަތުން 89 ލަނޑުން އިންޑިއާ މޮޅުވެއްޖެއެވެ.

މިއީ މި މުބާރާތުގެ ތާރީޚުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވި ހަތްވަނަ ފަހަރެވެ.

މި ނަތީޖާއާއެކު، އިންޑިއާ ވަނީ ހަތް ޕޮއިންޓް ހަމަކޮށް ތިންވަނަ އަށް ޖެހިލާފައެވެ. ދެ ވަނައިގައި އޮތް ނިއު ޒީލެންޑަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. އެއްވަނައިގައި އޮތް އޮސްޓްރޭލިއާ އަށް 8 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް އިންގްލެންޑަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި މެޗުން ބަލިވި ޕާކިސްތާން އޮތީ ތިން ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

އިންޑިއާ އިން މި މެޗަށް ނިކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ އޯޕަނިން ބެޓްސްމަން ޝިކަރް ދަވަންގެ ބަދަލުގައި ވިޖޭ ޝަންކަރު ހިމަނައިގެންނެވެ. ދަވަންގެ ބަދަލުގައި އިންޑިއާގެ އިނިންގްސްގައި ރޯހިތުއާއެކު ބެޓްކުރުމަށް ހަމަޖެހިފައިވަނީ ކޭއެލް ރާހުލް އެވެ.

އިންގްލެންޑްގެ މެންޗެސްޓާގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާ އިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 336 ލަނޑުހެދިއެވެ. މެޗުގެ 46.4 އޯވަރާއި ހަމައަށް ކުޅުން ދިޔަތަނާ ވާރޭ ވެހެން ފެށުމުން ކުޅުން މެދުކަނޑާލިއެވެ. އޭރު އިންޑިއާ އިން ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 305 ލަނޑުހަދާފައެވެ.

ގާތްގަނޑަކަށް ގަޑިއިރެއްގެ މެދުކެނޑުމަކަށްފަހު ކުޅުން ކުރިއަށް ގެންދިޔައެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 113 ބޯޅައިން 140 ލަނޑުހެދި ރޯހިތެވެ. މީގެއިތުރުން، 65 ބޯޅައިން 77 ލަނޑުހެދި ކެޕްޓަން ވިރާތު ކޯލީ އާއި 57 ލަނޑުހެދި ރާހޫލްގެ ކުޅުން ފާހަގަކޮށްލެވެއެވެ. މި އިނިންގްސްގައި ޕާކިސްތާންގެ މުހައްމަދު އާމިރު ތިން ވިކެޓްނެގިއެވެ. އޭނާ ވަނީ މި މުބާރާތުގައި މިހާތަނަށް 13 ވިކެޓްނަގައި އެންމެ ގިނަ ވިކެޓްނެގި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

ޖަވާބުގައި ކުޅެން އެރި ޕާކިސްތާންގެ ހަ ކުޅުންތެރިން ނުބައިވެ 166 ލަނޑު ހަދާފައިވަނިކޮށް އަނެއްކާ ވެސް މެދުކަނޑާލަން ޖެހުނީ އެވެ. އަލުން ފަށައިގެން، ޑަކްވަތު-ލުވިސް-ސްޓާން (ޑީއެލްއެސް) މެތަޑުގެ ދަށުން ޕާކިސްތާނުގެ އިނިންގްސް 40 އޯވަރަށް ކުޑަކޮށް 302 ލަނޑުގެ ޓާގެޓެއް ދިނެވެ. ނަތީޖާއަކީ ފަސް އޯވަރުގެ ތެރޭގައި 136 ލަނޑު ހަދަން ޖެހުމެވެ.

އެކަމަކު، ހަ ކުޅުންތެރިން ނުބައިވެގެން ޕާކިސްތާނަށް ހެދުނީ 212 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ފަޚަރް ޒަމަން 62 ލަނޑުހެދިއިރު 39 ބޯޅައިން 46 ލަނޑުހެދި އިމާދު ވަސީމް އާއި 48 ލަނޑުހެދި ބާބަރް އަޒަމްގެ ކުޅުން ފާހަގަކޮށްލެވެއެވެ. އިންޑިއާގެ ޝަންކަރު އާއި ހާޑިކް ޕަންޑިޔާ އަދި ކުލްދީޕް ޔާދަވް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

އިންޑިއާގެ އިތުބާރު އުކުންތެރިޔާ ބުވަނޭޝްވަރު ކުމާރަށް މި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދެތިން މެޗުގައި ނުކުޅެވޭނެއެވެ.

ކްރިކެޓް ވޯލްޑްކަޕްގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެސްޓް އިންޑީޒްއާ ބަންގްލަދޭޝް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަންގެ ލޯޑްސްގައި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *