ކޮޕާ އެމެރިކާގައި ރޭ ކުޅުނު މެޗުގައި އިކުއޭޑޯ އަތުން ފަސޭހަކަމާއެކު އުރުގުއޭ 4-0 އިން މޮޅުވިއިރު، ޕެރަގުއޭއާ ގަތަރު ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.
މިއީ 1967 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފަހުން، އެންމެ ތަފާތު ބޮޑު ނަތީޖާއަކުން އުރުގުއޭ މޮޅުވީ މެޗެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 15 ފަހަރު ހޯދާފައިވާ އުރުގުއޭ އަކީ އެންމެ ކާމިޔާބު ޓީމެވެ.
ބްރެޒިލްގެ ބެލޮހޮރިޒޮންޓޭގައި ރޭ ކުޅުނު މެޗުގައި އުުރުގުއޭ އިން ވަނީ ހަވަނަ މިނެޓުގައި ލީޑް ނަގައިފައެވެ. އެ ޓީމުގެ ލުއިސް ސުއަރޭޒް ދިން ބޯޅައަކުން މިލަނޑުޖަހައިދިނީ ނިކޮލަސް ލޮޑެއިރޯ އެވެ.
އިކުއޭޑޯ އަށް މި މެޗުގައި އިތުރު މައްސަލަތައް ކުރިމަތިވީ، މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުގެ ހޯސޭ ކުއިންޓޭރޯ ކުރި ފައުލަކަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު ރެފްރީ ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
އޭގެ ފައިދާނަގައި، އުރުގުއޭ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެކުރީން އިތުރު ދެލަނޑުޖަހާފައެވެ. އެގޮތުން، މެޗުގެ 33 ވަނަ މިނެޓުގައި އުރުގުއޭގެ ޑިއޭގޯ ގޮޑިން ބޮލުން ދިން ޕާހަކުން ލިބުނު ބޯޅަ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެޑިންސަން ކަވާނީ އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިންއިރު، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ބާސެލޯނާގެ ފޯވާޑް ސުއަރޭޒް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގައި އުރުގުއޭ އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމުން ކާމިޔާބުކުރި ގޯލަކީ އިކުއޭޑޯގެ އާތުރޯ މީނާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ގޯލެއްކަން ޔަގީން ކުރުމަށް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދާފައެވެ.
މި މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ކުޅުނު މެޗުގައި ޕެރަގުއޭއާ ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް އޭޝިއާގެ ޗެމްޕިއަން ގަތަރު ވަނީ ޕޮއިންޓެއް ހޯދާފައެވެ.
ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ގަތަރުގެ ކުޅުންތެރިއެއް ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް އޮސްކާ ކާޑޯޒޯ ޕެރަގުއޭ އަށް ލީޑް ނަގައިދިންއިރު ދެވަނަ ހާފުގެ ކުރީކޮޅު ޑާލިސް ގޮންޒާލެޒް ވަނީ އެ ޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.
ނަމަވެސ،ް މެޗުގެ 68 ވަނަ މިނެޓުގައި ދުރުުން ފޮނުވާލި ހަމަލާއަކުން އަލްމޮއެޒް އަލީ ވަނީ ގަތަރަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ނުވަ މިނެޓުފަހުން، ޕެރަގުއޭގެ ގޯލްކީޕަރު ރޮބާޓޯ ފެނާންޑޭޒް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ގަތަރުގެ ބޫއަލެމް ހޫކީ ފޮނުވާލި ބޯޅަ ގޯލްގެތެރެއަށް ވަނީ ޕެރަގުއޭގެ ރޮޑްރިގޯ ރޯހާސްގެ ގައިގަ ޖެހިފައެވެ.
2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ގަތަރުން މި މެޗުން ހޯދީ ޕޮއިންޓާއެކު ވަނީ ހަމަޖެހިލާފައެވެ. ޕެރަގުއޭ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ވަރުގަދަ އާޖެންޓީނާ އަށް އަދި ޕޮއިންޓެއް ލިބިފައިނުވާއިރު އޮތީ މި ގްރޫޕުގެ އެންމެ ފުލުގައެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ޗިލީއާ ޖަޕާނެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 04:00 ގައެވެ.