ރައްޓެހިވެގެން އުޅުނު ދެމީހުންގެ މެދުގައި، މާރާމާރީ ހިންގައި، އަންހެން މީހާއަށް ގެވެށި އަނިޔާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މީޑިއަތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އިއްޔެ ހެނދުނު 7:20 ހާއިރު، ދެ މީހުން މާރާމާރީ އުޅޭ ކަމުގެ ރިޕޯޓް ފުލުހަށް ކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ފުލުހުން ދިޔައިރު، އެއީ ރައްޓެހިވެގެން އުޅޭ ދެމީހުންގެ ދެމެދުގައި ހިނގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އަންހެން މީހާގެ އަތާއި ބޮލުގައި އަނިޔާގެ ނިޝާންތައް ފެންނަ ހުރި ކަމަށެވެ. އަދި ފުލުހުން ވަނީ އެ އަންހެން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި، އަދި އެ އަންހެން މީހާ އަށް ގެވެށި އަނިޔާ ކުރި މީހާ ހައްޔަރުކޮށްފައެވެ. އަދި ކޯޓުންވަނީ އެ ފިރިހެންމީހާގެ ބަންދަށް 10 ދުވަސް ޖަހާފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.