ޗެލްސީ ދޫކޮށްލުމަށްފަހު ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވާން މައުރީޒިއޯ ސާރީ އެއްބަސްވެއްޖެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޔުވެންޓަސްގެ ކޯޗުކަމާއި އޭނާ ހަވާލުވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކޮށް ޗެލްސީގެ ކޯޗަކަށް ސާރީ ހަމަޖެއްސީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން، އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައި ލީގު ކަޕް ފައިނަލުގައި ވެސް ކުޅެފައެވެ. ސާރީގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ލިބުނު ކާމިޔާބީ އަކީ ނިމިދިޔަ ސީޒަނުގެ ޔުރޮޕާ ލީގު ތަށްޓެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީއާއެކު އުމުރުން 60 އަހަރުގެ ސާރީ ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ދައްކަންޖެހޭ ފަސް މިލިިއަން ޕައުންޑް ދޭން ޔުވެންޓަސް ވަނީ އެއްބަސްވެފައެވެ.

ސާރީ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވާން އެއްބަސްވެފައިވާއިރު ކުރީން އެ މަގާމުގައި ހުރި މަސިމިލިއާނޯ އަލެގްރީ ވަނީ މިދިޔަ ސީޒަނަށްފަހު އިސްތިއުފާދީފައެވެ.

"ޔުރޮޕާ ލީގުގެ ފައިނަލަށްފަހު އަހަރެމެންނާއެކު ބޭއްވި ބައްދަލުވުމުގައި ސާރީ ވަނީ އެނބުރި ގައުމަށް ގޮސް މަސައްކަތްކުރަން ބޭނުންވާކަމަށް ބުނެފައި. އެގޮތުން، ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ އާއިލާއާއެކު މިހާރަށްވުރެ ގިނައިން ވަގުތު ހޭދަކުރަން ބޭނުންވާތީވެކަމަށް." ޗެލްސީގެ ޑައިރެކްޓަރ މަރީނާ ގްރަނޮވްސްކައިއާ ބުންޏެވެ.

ސާރީ އަކީ 2003 ވަނަ އަހަރު ރޯމަން އަބްރަމޮވިޗް ޗެލްސީއާ ހަވާލުވިފަހުން ހެޑް ކޯޗުގެ މަގާމުން ވަކިވި ނުވަވަނަ ކޯޗެވެ.

ކުރިއަށް އޮތް ސީޒަނަށް މިހާރު ތައްޔާރުވަމުން އަންނައިރު ޗެލްސީ އަށް ލިބިފައިވާ އެންމެ ބޮޑު ގެއްލުމަކީ، 18 އަހަރުން ދަށުގެ ކުޅުންތެރިން ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާތީ، ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން ކުރިއަށް އޮތް ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގެނެވޭނެ ގޮތެއް ނެތުމެވެ. މިކަމާއި ގުޅިގެން ޗެލްސީން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޮރ ސްޕޯޓްސް (ސީއޭއެސް) ގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *