މާދަމާ ފަށާ ހަތަރުވަނަ ޕާޓްނާޝިޕް ފޯރަމް ނިމޭއިރު ރާއްޖެއަށް އެހީ ދިނުމުގެ ގިނަ އެއްބަސްވުންތަކެއްގައި ބޭރުގެ ފަރާތްތަކާއެކު ސޮއިކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޕާޓްނާޝިޕް ފޯރަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މުހިއްމު ގިނަ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާދަމާ ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕާޓްނަޝިޕް ފޯރަމްގަ 35 ގައުމަކުން 130 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެއެވެ.
ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ފޯރަމުގެ މައިގަނޑު މަގްސަދަކީ މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ކަމުގައިވާ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމާއި ބެހޭގޮތުން މައުލޫމާތުދީ ޕާޓްނާޝިޕްތައް ގާއިމްކުރުން ކަމަށެވެ.
ފޮރިން މިނިސްޓަރ ޝާހިދުގެ އިތުރުން މި ފޯރަމްގެ ކޯ-ޗެއަރކަން ކުރައްވާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވެސް ވަނީ މި ފޯރަމް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.