މި މަހު ހިނގި ބޮޑު ތިން އެކްސިޑެންޓެއްގައި އިހުމާލުވި ފަރާތްތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅައިފިއެވެ.
ފުލުހުން ބުނީ ޖޫން 4، ޖޫން 7 އަދި ޖޫން 8 ގައި ހިނގި އެކްސިޑެންޓުތަކާ ގުޅިގެން ފިޔަވަޅު އެޅީ އެކަމަށް ފުލުހުންގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީގައި އެދުމުން ކަމަށެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިމަހުގެ 4 ވަނަ ދުވަހު، ބްރިޖް ހައިވޭގައި ޑިވައިޑަރުތަކުގައި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި، އެ ކާރު ދުއްވަން އިން މީހާގެ ލައިސެންސް އެއް އަހަރު ދުވަހަށް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓް ވުމުން އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ ފިލުމުން، އެމައްސަލައިގަ އެމީހާ ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ދެން ފިޔަވަޅު އަޅާފައިވަނީ، މިމަހުގެ 7 ވަނަ ދުވަހު ބްރިޖް މަތިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް، މެރައިން ރިސާޗް ސެންޓަރު ފާރުގައި ޖެހި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވި މީހާގެ ލައިސެންސް އެއް އަހަރާއި ހަ މަސް ދުވަހަށް ހިފަހައްޓާފައިވާ ކަމަށެވެ.
މި މަހުގެ އެކްސިޑެންޓްތަކުގެ ތެރެއިން ތިން ވަނަ އެކްސިޑެންޓަކާ ގުޅިގެން ވެސް އޮތޯރިޓީން ފިޔަވަޅު އެޅި އެވެ. އެއީ އަށް ވަނަ ދުވަހު މާލެ - ހުޅުމާލެ ހައިވޭ މަތީން، ރާޑަރު ހިމެނޭ ސަރަހައްދާ ހަމައިން ބާރަށް ދުއްވި ކާރެއް ކޮންޓްރޯލު ނުވެ ހައިވޭގެ ޑިވައިޑަރު ތަކުގައި ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އަށެވެ. އޭނާގެ ލައިސަންސް ހިފެހެއްޓީ އަހަރު ދުވަހަށެވެ.