ފީފާ 20 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ފައިނަލްގައި ރޭ ދެކުނު ކޮރެއާ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ ޔޫކްރެއިނުން މި މުބާރާތް ކާމިޔާބުކޮށްފިއެވެ.
މިދިޔަ އަހަރު ބޭއްވުނު ޔުއެފާ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކަޓައިގެންދިޔަ ޔޫކްރެއިނުން މި އަހަރުގެ ޒުވާނުންގެ ވޯލްޑްކަޕަށް ނިކުތީ ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރުމުގެ އަޒުމްގައެވެ.
އެ ޓީމުން މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ގްރޫޕް ސްޓޭޖުގައި އެމެރިކާ 2-1 އިން އަދި ގަތަރު އަތުން 1-0 އިން މޮޅުވެ އެންމެފަހު މެޗުގައި 1-1 އިން ނައިޖީރިއާ އަތުން ހޯދީ ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެންނެވެ. އެއަށްފަހު ދެވަނަ ބުރުގައި ޕެނަމާ އަތުން 4-1 އިން މޮޅުވިއިރު ކުއާޓާ ފައިނަލްގައި ކޮލަމްބިއާ އަތުން 1-0 އިން މޮޅުވެ ސެމީ ފައިނަލްގައި އިޓަލީ ބަލިކުރީވެސް ހަމަ 1-0 އިންނެވެ.
ކޮރެއާ އިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރިގޮތަށް ބަލާއިރު، ވަރުގަދަ އާޖެންޓީނާއާ އެއް ގްރޫޕެއްގައި ހިމެނި ދެ ޓީމު ފޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލްގެ ތަފާތުން އެ ގްރޫޕުގެ ދެވަނަ ހޯދައިގެން ނޮކްއައުޓް ބުރުން ފުރުޞަތު ހޯދިއެވެ. ދެވަނަ ބުރުގައި ވާދަވެރި ޖަޕާން އަތުން 1-0 އިން ހޯދީ މޮޅާއެކު ކުއާޓާ ފައިނަލްގައި ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި 3-2 އިން ކާމިޔާބުކޮށް އެއަށްފަހު ސެމީގައި އިކުއޭޑޯ އަތުން 1-0 އިން ހޯދީ މޮޅާއެކު ފައިނަލުން ޖާގައެއް ކަށަވަރުކުރިއެވެ.
ޕޮލެންޑްގެ ލޮޑްޒްގައި ކުޅުނު މި މެޗުގެ ފަސްމިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުރީން ލީޑްނެގީ ކޮރެއާ އިންނެވެ. އެ ޓީމުގެ ކިމް ސެ-ޔުން އަށް ޔޫކްރެއިންގެ ޑަނީލޯ ބެސްކޮރޮވައިނިޔީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީ ކަން-އިން ލީ އެވެ.
ޔޫކްރެއިންގެ ވްލަޑިސްލަވް ސުޕްރިއާހާ މެޗުގެ 34 ވަނަ މިނެޓުގައި އާއި ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުތަކުން އެ ޓީމުން ނަތީޖާ 2-1 އަށް ބަދަލުކޮށްލިއެވެ.
މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް، ޔޫކްރެއިންގެ ފަހު ލަނޑު، ޖަހައިދީ ތަށި ކަށަވަރުކޮށްދިނީ ހެއޮރީ ސިޓައިޝްވިލީ އެވެ.
ރޭގެ މެޗަށްފަހު މި މުބާރާތުގެ އެކި ވަނަތަކަށް އައި ކުޅުންތެރިންނަށް އިނާމުދިންއިރު، އެޑިޑާސް ގޯލްޑަން ބޯލް މިފަހަރު ހޯދީ ކޮރެއާގެ ކަން-އިން ލީ އެވެ. އެޑިޑާސް ސިލްވާ ބޯލް ޔޫކްރެއިންގެ ސާހީ ބުލެޓްސާ ހޯދިއިރު ބްރޯންޒް ބޯލް ހޯދީ އިކުއޭޑޯގެ ގޮންޒާލޯ ޕްލާޓާއެވެ. ނޯވޭގެ އާލިން ހާލަންޑް އަށް އެޑިޑާސް ގޯލްޑަން ބޫޓް ލިބުނުއިރު ގޯލްޑަން ގްލޯވް ހޯދީ ރެއާލް މެޑްރިޑަށް ކުޅޭ ޔޫކްރެއިންގެ އަންޑްރޭ ލުނިން އެވެ. ފެއާޕްލޭ އެވޯޑް ހޯދީ ޖަޕާނާއި ކޮރެއާ އެވެ.
މި ފަހަރުގެ މުބާރާތުގެ ތިންވަނަ މަގާމް ހޯދީ އިޓަލީ އަތުން 1-0 އިން މޮޅުވެ އިކުއޭޑޯއެވެ.