އުރީދޫ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އީ ސިމްގެ ހިދުމަތް އިފްތިތާޙުކޮށްފިއެވެ.
އީ ސިމްގެ ހިދުމަތް ތަޢާރަފުކުރުމަށް އުރީދޫއިން މިއަދު ވަނީ ދަރުބާރު ގޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް ޓުއަރިޒަމް، އޮނަރަބަލް އަލީ ވަހީދު އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން އެވެ.
އުރީދޫއިން، އީ ސިމްގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ، ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުން ފޯރުކޮށްދީ، ބައިނަލްއަޤްވާމީ ޓެކްނޮލޮޖީތައް ދިވެހިންނަށް ތައާރަފްކޮށްދިނުމަށް އުރީދޫއިން ކުރަމުންގެންދާ މަސައްކަތުގެ ދަށުންނެވެ.
އުރީދޫއިން މިއަދު ތައާރަފު ކުރި، އީ ސިމް ކާޑު މެދުވެރިކޮށްގެން ކޮންމެ ފޯނަކުންވެސް 8 ސިމް ބޭނުންކުރެވޭނެއެވެ. އުރީދޫއިން ވިދާޅުވީ، އޭގެ ސަބަބުން އާއިލާ މީހުންނަށް ވަކި ހާއްސަ ސިމެއް ނުވަތަ ވިޔަފާރި އަށް ވަކި ހާއްސަ ސިމެއް ގެންގުޅެވޭނެ ކަމަށެވެ. އޭގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
އީ ސިމް އެކްޓިވޭޓް ކުރައްވަން ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ، އުރީދޫ މޯލްޑިވްސްގެ ވެބްސައިޓަށް ވަނުމަށްފަހު އީ ސިމް ޕޭޖަށް ޒިޔާރަތްކުރަންށެވެ. އެއަށްފަހު، ބޭނުންވާ ޕްލޭނެއް އިހްތިޔާރު ކުރައްވާނީއެވެ. އެއަށްފަހު ފޯނު ނަމްބަރު ރަޖިސްޓްރީ ކުރެއްވުމަށް ފަހު، ސިމަށް އޮންލައިންކޮށް ފައިސާ ދެއްކޭނެއެވެ. އަދި، ލިބިލައްވާ ކޮންފަމޭޝަން އެސް.އެމް.އެސް ގައިވާ ކިއު.އާރް ކޯޑު ސްކޭންކުރުމަށްފަހު، އީސިމް އެކްޓިވޭޓް ކުރުމަށް ފަހު ހިދުމަތް ހޯދަން ފެށޭނެއެވެ.
އުރީދޫއިން މިއަދު ތައާރަފުކުރި އީ-ސިމް ޑައުންލޯޑް ކުރެވޭނީ އީ ސިމް ކޮމްޕެޓިބަލް ޑިވައިސްތަކަށެވެ. އެއީ، އައިފޯން އެކްސް އެސް، އެކްސް އެސް މެކްސް އަދި އައިފޯނު އެކްސް އެސް އާރުގެ އިތުރުން ގޫގުލް ޕިކްސެލް 3 އެވެ.
އީ ސިމްގެ ހިދުމަތް ތައަރަފް ކުރުމަށް އުރީދޫއިން ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބްހާން ވިދާޅުވީ، ބައިނަލްއަޤްވާމީ އައިސީޓީ ދާއިރާއަށް ތައާރަފްކުރެވޭ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ދިވެހިރާއްޖެއަށް ގެނައުމަށް ޚާއްޞަ އިސްކަމެއްދީ، އުރީދޫ އިން އަބަދުވެސް ވާނީ އިސް ދައުރެއް އަދާކޮށްފައި ކަމަށެވެ. އަދި އީ ސިމްގެ ހިދުމަތާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ކުރިއެރުންތައް އަންނާނެ ކަމަށެވެ.
ނަޖީބްހާން އިތުރަށް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އީ ސިމްގެ ޚިދުމަތް ބޭނުންކުރުމަށް އުރީދޫގެ ކަސްޓަމަރުންނަށް ފުރުސަތުދީ، އެންމެ ފޯނެއްގައި އެތައް ނަންބަރުތަކެއް ބޭނުންކޮށްލުމުގެ ފަސޭހަ ފަހިކޮށްދެވުމަކީ އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫއިން ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރާނީ، ރާއްޖެއަށް ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީތައް ތައާރަފު ކުރުމަށް ކަމަށާއި، އަދި ދިވެހިންނަށް އިތުރު ފުރުސަތުތަކާއި ފާގަތިކަން ގެނެސްދިނުމަށް ކަމަށެވެ.