މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ކޮލަމްބިއާ އަތުން 2-0 އިން ބަލިވެ އާޖެންޓީނާ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއީ 2007 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން އާޖެންޓީނާ އަތުން ކޮލަމްބިއާ މޮޅުވި ފުރަތަމަ މެޗެވެ. އެ ފަހަރު ކޮލަމްބިއާގެ ބޮގޯޓާގައި ކުޅުނު މެޗު ކޮލަމްބިއާ އިން ކާމިޔާބުކުރި 2-1 އިންނެވެ. 

މި ދެ ޓީމު އެންމެފަހުން ކުޅުނީ 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލްގައެވެ. އެފަހަރު ޕެނަލްޓީ ޖަހައިގެން މޮޅުވީ އާޖެންޓީނާ އެވެ.

ރޭގެ ނަތީޖާއާއެކު ކޮލަމްބިއާ ވަނީ ގްރޫޕް ބީ ގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. އާޖެންޓީނާ އޮތީ އެންމެ ފުލުގައެވެ.

ސަލްވަޑޯގެ ފޮންޓޭ ނޯވާ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. 

މެޗު ފެށިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ކުޅެން މަސައްކަތްކުރިނަމަވެސް، އޭގެފަހުން ފެނިގެންދިޔައީ ކޮލަމްބިއާ އިން ޑޮމިނޭޓްކުރިތަނެވެ. އެގޮތުން، އާޖެންޓީނާގެ މެދު ތެރޭގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކަށް ކުރިއަށް ކުޅުނު ލިއޮނަލް މެސީ އާއި ސާޖިއޯ އަގުއޭރޯ އަށް ރަނގަޅު ޕާހެއް ދެވޭ ގޮތެއްނުވިއެވެ. އޭގެނަތީޖާއެއްގެ ގޮތުން، ފޫހި ކުޅުމަކަށް ފަހު ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފަށް އާޖެންޓީނާގެ ކޯޗު ވަނީ އެންހެލް ޑި މާރިއާގެ ބަދަލުގައި ރޮޑްރިގޯ ޑެ ޕޯލް ކުޅެން ނެރެފައެވެ. އެއާއެކު މި ހާފުގެ ކުރީކޮޅު، އާޖެންޓީނާގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވިއެވެ. އެ ޓީމުން ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ. 

އެގޮތުން، ލެއަންޑްރޯ ޕަރެޑޭސް އާއި މެސީ އަދި ނިކޮލަސް އޮޓަމެންޑީ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. މި ތިން ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮލަމްބިއާގެ ގޯލްކީޕަރު ޑޭވިޑް އޮސްޕީނާ އެވެ.

އާޖެންޓީނާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ، ކޮލަމްބިއާ އިން މެޗުގެ 71 ވަނަ މިނެޓުގައި ލީޑް ނެގުމެވެ. މިއީ ފުރަތަމަ ހާފުގައި އެ ޓީމުގެ ފޯވަޑް ލުއިސް މުރިއެލް އަށް އަނިޔާވެގެން ކުޅެން ނިކުތް ރޮޖާ މާޓިނޭޒް ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ކޮލަމްބިއާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ރަޑަމެލް ފަލްކާއޯގެ ބަދަލުގައި މި ހާފުގައި ކުޅެން ނިކުތް އެޓަލާންޓާގެ އިތުބާރު ފޯވާޑް ޑުވާން ޒަޕާޓާ އެވެ. މިއީ އެ ޓީމުގެ ޖެފަސަން ލާމާ ދިން ބޯޅައަކުން އާޖެންޓީނާގެ ދެ ޑިފެންޑަރުންގެ ދޭތެރެއިން ވަރަށް ރީއްޗަށް ދެމިގަނެގެން ޒަޕާޓާ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި، ގްރޫޕް އޭ ގައި ހިމެނޭ ވެނެޒުއެލާއާ ޕެރޫ ވާދަކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ކޮޕާ އެމެރިކާގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ރާއްޖޭގަޑިން 00:00 ގައި އޭޝިއާގެ ޗެމްޕިއަން ގަތަރު ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ. މިރޭގެ ފަހު މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އުރުގުއޭ ނިކުންނާނީ އިކުއޭޑޯއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 03:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *