ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަކީ، އެމްޑީޕީއަށް ބާރު ލިބުމުން ރައީސް ނަޝީދު ހަސަދައެއް ފިލުވާލަން ކުރި ކަމެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމް އިން މިގޮތަށް ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ސަސްޕެންޑު ކުރި ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ކިޔަމަން ނުވުމަށް އެ ކޮމިޝަނުން ނިންމުމުން އެކަން ކުށްވެރިކޮށް އާންމު ކުރި ނޫސްބަޔާނެއްގައެވެ.
ޕީޕީއެމުން ބުނީ، ރާއްޖޭގެ ދުސްތޫރީ ނިޒާމަކީ ޅަފަތުގައި އޮތް ނިޒާމަކަށްވާއިރު، ސުޕްރީމް ކޯޓުގެ އިސްނެންގެވުމާއެކު ޝަރުއީ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށާއި އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވީ ނަމަވެސް ގައުމުގެ މަސްލަހަތުތައް ގެއްލޭގޮތަށް ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ.
ޕީޕީއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގާނޫނު އަސާސީން އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތަކީ، ސުޕްރީމް ކޯޓަށް ވީއިރު، ގާނޫނީ ހަމަތަކުގެ މަތި، ޝަރީއަތަށް ހުށަހަޅާ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.
ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު ގައުމުގެ މަސްލަހަތު ގެއްލޭގޮތަށް ވަކިވަކި ފަރުދުންނަށް އަމާޒުނުކޮށް ދުސްތޫރީ އޮނިގަނޑު ބޭނުން ކުރައްވައިގެން ދައުލަތުގެ އެކި މުވައްސަސާތަކާއެކު ހެޔޮނިޔަތުގައި މަސައްކަތް ކުރުމަށް ޕީޕީއެމުން ގޮވާލިއެވެ.