ޚަބަރު
ފަލަސްތީނުގެ ކެކުޅުންތައް ނިމުމަކަށް ގެންނަންޖެހޭ: ޑރ. ޝަހީމް
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި މިއަދު ފަށާފައިވާ، އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ވާހަކަފުޅުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާ ގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވުމަށް ގޮވާލެއްވި އެވެ.

ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އިސްލާމީ ގައުމުތަކުގެ ފަރާތުން އެދިވަޑައިގެންނެވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ގައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރެއްވުމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރެއްވި އެވެ.

އޭގެއިތުރުން ފަލަސްތީނަށް އ.ދ.ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލަ ފާހަގަކުރައްވައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެގައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ޝައުގުވެރިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު ވަނީ ވިދާޅުވެފަ އެވެ.

އެއާއެކު، އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގައި ބާރުއަޅާ ސުލްވެހަރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލުތަކުގެ މައުލޫމާތު ފެތުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު ފާހަގަކުރެއްވި އެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓް ކުރިއަށްދާނީ މި ހިނގާ މޭ މަހުގެ 4-5 އަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ “ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން” މިއެވެ.

މިއަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސައުދީ އަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފަ އެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއްނިންމެވުން ހިމަނާފައި ވެއެވެ. އޭގެތެރޭގައި ފަލަސްތީނާއި އަލްގުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ގަރާރަށް ގޮތެއް ނިންމުން ހިމެނެ އެވެ.

ދިވެހިރާއްޖެ އޯ.އައި.ސީ. ގެ މެންބަރު ގައުމަކަށްވީ 1976 ވަނަ އަހަރު އެވެ. އަދި 57 މެންބަރު ގައުމު ހިމެނޭ އޯ.އައި.ސީ. ގައި ރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރަމުން ނެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top