ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން 4-0 އިން ޓީސީ ސްޕޯޓްސް ކްލަބް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މި މޮޅާއެކު ޓީސީ ވަނީ ލީގުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ޓީސީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އުޅޭ ވިކްޓްރީ އާއި ނިލަންދޫ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ޓީސީން މިއަދުގެ މެޗަށް ނިކުތީ އެ ޓީމު އެންމެފަހުން ކުޅުނު ޗެރިޓީ ޝީލްޑްގެ ދެވަނަ ލެގުގެ މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި ކުޅުނު ނޭޕާލްގެ ފޯވާޑް ބިމަލް ގާތީ މަގަރް އާއި މިސްރުގެ ވިންގް މުސްތަފާ ގަހަރަބާގެ ބަދަލުގައި އިބްރާހިމް އަތީގް ހަސަން އާއި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

މިއަދުގެ މެޗުގައި ޓީސީގެ ފުރަތަމަ ގޯލް، 17 ވަނަ މިނެޓުގައި ޖަހައިދިނީ ޝަފްރާޒް އެވެ. މިއީ އެ ޓީމުގެ މުހައްމަދު ސާމިރު ނަގައިދިން ހުރަހަކުން އޭނާ ވަރަށް ފަސޭހަކަމާއެކު ކާމިޔާބުކުރި ގޯލެކެވެ.

ޓީސީގެ ދެވަނަ ލަނޑު، މެޗުގެ 40 ވަނަ މިނެޓުގައި ޖަހައިދިނީވެސް ޝަފްރާޒް އެވެ. މިއީ އެ ޓީމުގެ އިސްމާއިލް އީސާ (މެސީ) ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޝަފްލޭ ކާމިޔާބުކުރި ގޯލެކެވެ. 

މި ހާފުގެ އިތުރުވަގުތުގައި ޓީސީގެ ތިންވަނަ ލަނޑު، ޖަހައިދިނީ ޒުވާން ޑިފެންޑަރު މުހައްމަ އަޖުފާން އެވެ. މިއީ އެ ޓީމުގެ އީސާ ނަގައިދިން ހުރަސް ވިކްޓްރީގެ ގޯލްކީޕަރު އަހުމަދު މުހައްމަދުގެ އަތުގައި ޖެހިފައި ނިކުތުމުން އަޖުފާން އެ ބޯޅަ، ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0 އިން ޓީސީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ޓީސީން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް ވަނީ ޝަފްލޭގެ ބަދަލުގައި އިޝާން އިބްރާހިމް (ސައްޓު) ކުޅެން ނެރެފައެވެ. މިއީ މި ސީޒަނުގައި ސައްޓު ކުޅުނު ފުރަތަމަ މެޗެވެ. ޓީސީގެ ފަހު ލަނޑު، މެޗުގެ 65 ވަނަ މިނެޓުގައި ޖަހައިދިނީ ނިމިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފެނިގެންދިޔަ ފޯވާޑް އަތީގް އެވެ. މިއީ އެ ޓީމުގެ ސާމިރު ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ. މި މެޗުގެ ކުރިން ދިވެހި ޕްރިމިއާ ލީގު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *