ސީރިއާގައި ތިބި ދިވެހި ރެފިއުޖީން ރާއްޖެ ގެނެވުމަކީ ބައިނަލްއަޤުވާމީ މައްސަލައެއްް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއެކު ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސީރިޔާއަށް ދިޔަ ދިވެހިން ތިބި ތަނާއި ކުރާ ކަންކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ގައުމުގައި ތިބި އެއްވެސް މީހަކު ރާއްޖެ އައިސްފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސީރިޔާގައި ތިބި މީހުންގެ އަދަދުތަކުގައި ތަފާތުތަކެއް އުޅޭ ކަމަށާއި ނަމަވެސް މަދުވެގެން 160 މީހުން ސީރިޔާގައި ތިބޭނެކަމަށެވެ. އަދި އޭގެ ތެރޭގައި 30 އާއި ސާޅީހަކަށް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން އަނބުރާ ގެނައުމަކީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށާއި އެ މީހުން ތިބި ގޮތުގައި އަނބުރާ ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެމީހުންގެ އާއިލާތަކުން ދަނީ އެމްއެންޑީއެފުގައި ތަކުރާރުކޮށް އެދެމުންނެވެ.