ރާއްޖޭގެ ތިން ވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ފުވައްމުލަކަކީ 484 ހެކްޓަރުގެ ބޮޑުބިމެއް އޮންނަ ރަށެކެވެ. މި ރަށަށް 4000 އަހަރު ވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އައްޑޫ ސިޓީގެ އުތުރުން 12 މޭލުދުރުގައި އޮންނަ މިރަށަކީ އެއަތޮޅޭއްގައި އެންމެ ރަށެއް އޮންނަ ޏ. އަތޮޅު ފުވައްމުލައް ސިޓީވެ. މި ހިތްގައިމު ރަށަކީ ހުޅަނގު ދެކުނުން 1.25 މޭލުގެ ސަރަހައްދަކަށް ފަރުއެކުލެވިގެންވާ ކައްޓެޅިމަހަށް ނަން މަޝްހޫރު ރަށެކެވެ.
ފުވައްމުލައް ސިޓީގެ އާސާރީ ތަންތަނަކީ އެ ސިޓީއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މަގުބޫލުކަން ހޯދައިފައިވާ ތަންތަނެކެވެ. މިގޮތުން މިރަށުގެ އެންމެ ދުވަސްވީ މިސްކިތް ކަމަށްވާ ގެތް މިސްކިތް ހިމެނެއެވެ. މި މިސްކިތުގެ ތާރީޙަށް ބަލާލާއިރު މި މިސްކިތަކީ ފުވައްމުލަކު ރައްޔިތުން އިސްލާމްވުމާ ގުޅިގެން ބިނާކުރެވުނު މިސްކިތެކެވެ. އަދި މި މިސްކިތުގެ ގޯތި ތެރޭގައި ވަޅެއްވެސް ބެހެއްޓި ކަމަށާއި އެއީ ވުޟޫ ކުރުމުގެ ބޭނުމުގައި ބެހެއްޓި ވަޅެއް ކަމަށްވެއެވެ.
މި މިސްކިތް ބިނާކުރީ ކޮންއަހަރެގައި ކަމާމެދު ތާރީހީ އިލްމުވެރިންގެ ދެބަސްވުންތަކެއް ހުރުމާގުޅިގެން ވަކި ތާރިހެއް އެނގޭކަށް ނެތެވެ. އެގޮތުންް ބައެއް އިލްމުވެރިން ބުނާ ގޮތުގައި އައްޑު ސިޓީ، ފުވައްމުލައް ސިޓީ އަދި މާލެ ސިޓީ އިސްލާމް ވެފައިވަނީ އެއްފަހަރާކަމަށެވެ. އަނެއްބައި އިލްމުވެރިންދަންނަވާ ގޮތުގައި މާލެ ކުރިން އިސްލާމް ވިކަމަށެވެ.
ފުވައްމުލައް ސިޓީ އިސްލާމް ވުމުގެ އެންމެ ބޮޑުއެއް ރޯލް އަދާކުރި އެއް ބޭފުޅެއްކަމުގައިވާ އަބޫބަކުރު ނާއިބުކަލޭގެފާނު ނުވަތަ އަލް ހާފިޒް އަބޫބަކުރު އަލް ނާއިބު ކިޔާ ބޭފުޅަކު މިސްކިތުގެ ގޯތިތެރޭގައި އިން ކުޑަ ގަބުރުސްތާނުގައި ވަޅުލެވިފައި ވާކަމަށާއި އޭރުގެ ރަށުގެ ބޮޑުންގެ ތެރެއިން ވެސް ވަރަށްގިނަ ބަޔަކު ވަޅުލެވިފައި ވާކަމަށް ތާރިޙީ ފަތްފޮތްތަކުން އެނގެން އެބަހުއްޓެވެ.
މި މިސްކިތުގެ އަޖައިބުކުރުވަނިވި ކަންތަށް ތަކުގެތެރެއިން މި ވަޅުގެ ފެނާއި މެދު ސިޓީގެ ރައްޔިތުން ބުނާގޮތުގައި އެ ވަޅުގެ ފެނުގައި ފޮނިރަހަ ދޭކަމަށެެވެ. އަދި މުސްކުޅިފުރައިގެ މީހުން ބުނާގޮތުގައި އެވަޅުގެ ހަތަރު ކަނުގައި ހުންނަ ފެނުން ހަތަރު ރަހަދޭކަމަށެވެ. މި ވަޅަކީވެސް މިސްކިތް ބިނާ ކުރެވުނު އިރުއްސުރެން ހުންނަ ތާރީޙީ ވަޅެކެވެ.
އެގޮތުން މި މިސްކިތުގެ ވަޅާ ބެހޭ މައުލޫމާތު ދެއްވަމުން ދަޑިމަގު ކުރީގެ ކައުންސިލް ބޭފުޅަކު ވިދާޅުވި ގޮތުގައި މި މިސްކިތުގެ ވަޅަކީ މީގެ 20 އަހަރެއްހާ ދުވަސްކުރިން އާންމުގޮތެއްގައި ރަށުގެ މީހުން ފެންބުއިމަށް ބޭނުން ކުރި ވަޅެކެވެ. ކޮންމެ ދުވަހަކު ގަވާއިދުން ހެނދުނާއި ހަވީރު ވަޅުން ފެންނަގަން ރަށުގެ އަންހެން ވެރިން ޖަމާވިކަމަށެވެ. މިއީ ވާރޭފެން ތާނގީތަށް އައުމުގެ ކުރީންނެވެ. ދަޑިމަގު ކުރީގެ ކައުންސިލް ބޭފުޅަކު ބުނިގޮތުގައި މިހާރުވެސް ވާރޭފެން ހުސްވާ ގެތަކުގައި މިފެން ބެނުން ކުރަމުން ދާކަމަށެވެ.
މިގޮތުން ޖަޒީރާއަށް މައުލޫމާތުދެމުން ރަށުގެ 80 އަހަރުން މަތީގެ ބޭބެ އަކު ބުނެފައިވަނީ " އެ ވަޅަކީ ބޭބެ މެން ކުޑައިރުވެސް ހުންނަ ވަޅެއް، ތެދެއް އެކި ރަހަލާ ވަޅެއް އެއީ، ފޮނި ރަހަވެސް ލާ، ދެން ހިތިރަހަގަނޑެއްްވެސް ހުރޭބައެއްފަހަރު، ކުޅިރަހަވެސްލާ ބޭބެއަށް، އެއީމީގެ 10 ވަރަކަށް އަހަރުކުރިން. މިދިޔަ ހަފްތާގަވެސް ދިޔައިންބޭބެ ފެންވެސް ބުއިން އެވަޅުން، ރޯދަމަހު ތަރާވީހަށްވެސް ދަން، ބޭބެއަށް ރަހަ ދޭގޮތަށް އެހެންމީހުނަށް ރަހަ ނުދީވެސް ހިނގައިދާނެ، ފުލޯކު ވާހަކައެއް ނޫން މިއީކީ، ހަމަ ގައިމު ކައުންސިލްގެ މީހުން މިކަން ދޮގުކުރިއަސް އެމީހުނަށްވެސް ވަޅުގެ ފެން ބޮވޭވަރުމަދެއްނުވާނެ" ބޭބެ މައުލޫމާތު ދެމުން ބުންޏެވެ.
މިކަމާ ގުޅިގެން ދަޑިމަގު ކައުންސިލް އިދާރާގެ ބޭފުޅުންނާ ސުވާލުކުރުމުން ބުނެފައިވަނީ އޭއީ މުޅިންވެސް ފުލޯކު ވާހަކަ ކަމަށެވެ. ފެން ބޮވައިގެން އައިސް އެވަޅުން ފެންފޮދެއް ބޮލާ މީހަކީނަމަ ވަޅުގެ ފެން މީރުވާނެކަމަށެވެ. އެހެންކަމުން އެވަގުތަކު އެމީހާ އެހުންނަ ފަރާތުގެ ފެން މީރުވާކަމަށް ހީވުން އެއީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި އެކަހަލަ ކަމެއް އަދި ފާހަގަ ކުރެވިފައިނުވާކަމަށެވެ.
ފުވައްމުލައް ސިޓީގެ އާސާރީ ތަންތަން ހިމާޔަތް ކުރުމުގެ ގޮތުން އަވަށު ކައުންސިލްގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ކޮއްފައިވާއިރު ކުރިއަށް އޮތް ޖީލުތަކަށްވެސް މި ތާރީޙީ ބިނާތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރު ކޮށްދިނުމަކީ ފަރުދީ ޒިންމާއެކެވެ. ދަޑިމަގު ކައުންސިލުން ބުނިގޮތުގައި ތަން ހިމާޔަތް ކުރުމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެނދާ ކަމަށާއި ކުރިއަށް އޮތްނުގައިވެސް ލިބިގެނދާނެކަމަށް އުނމީދު ކުރާކަމަށެވެ.
އެހެން ކަމުން މިވަޅުގައި ދޭ ރަހައަށްވުރެ މުހިންމީ މިއާސާރީ ވަޅު ރއްކާތެރިކަމާއިއެކު އަންނަން އޮތްޖީލިތަކަށް ފޯރުކޮއްދިނުމެވެ. އެހެންކަމުން މި ޒިންމާތަށް ނެގުމަކީ ވަރަށް މުހިންމުކަމެކެވެ.