ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި މި އަހަރު ފުރަތަމަ ޑިވިޝަނަށް އަލަށް ނިކުތް ދަ ގްރާންޑޭ އިން 2-0 ގެ ނަތީޖާއަކުން ފ. ނިލަންދޫ ބަލިކޮށްފިއެވެ.

ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ލީޑް ނަގައިދިނީ އަހުމަދު ވިޖުދާން (ވިޖޫ) އެވެ. މިއީ އެ ޓީމުގެ އަހުމަދު އިމާޒް (އާއްކޮ) ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އަށް އިތުރު ގޯލެއް ކާމިޔާބުކުރެވިފައިނުވީ ނަމަވެސް، އެ ޓީމުގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި އަލީ އިފާޒްގެ އިތުރުން އާއްކޮ އަށް ވެސް ރަނގަޅު ފުރުޞަތެއްލިބި ބޭނުންހިފޭގޮތެއްނުވިއެވެ. އެގޮތުން، ފުރަތަމަ ހާފު ނިމެންދަނިކޮށް، ކުރީން މާޒިޔާ އަށް ކުޅުނު އާއްކޮ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ވެސް ދަ ގްރާންޑޭ އިން ލަނޑުޖެހުމަށް ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް، އެ ޓީމަށް ދެވަނަ ފަހަރަށް ނިލަންދޫގެ ގޯލް ފޫއަޅުވާލެވުނީ މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ތޮލާލް ނަސީރު ކާމިޔާބުކުރި ގޯލުންނެވެ.

އަމިއްލަ ރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިންނާއެކު މި މުބާރާތަށް ދަތި އުނދަގުލާއެކު ކުރިމަތިލި ނިލަންދޫ ޓީމުން ރޭގެ މެޗުގައި ދެއްކި ކުޅުމަށް ތައުރީފް ހައްގެވެ. ހާއްސަކޮށް އެ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ފާހަގަކުރިގޮތުގައި ވަރަށް މަދު ޕްރެކްޓިސްތަކަކަށްފަހު ރޭގެ މެޗަށް އެ ޓީމު ނިކުމެ ދަ ގްރާންޑޭއާ ދެކޮޅަށް ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދެއްކިއެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ނިކުންނާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ. ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *