އަނިޔާގެ ސަބަބުން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕީއެސްޖީގެ ނޭމާ ނުލައި ބްރެޒިލުން މި އަހަރުގެ ކޮޕާ އެމެރިކާގައި ކުޅުނު ފުރަތަމަ މެޗުގައި ބޮލީވިއާ އަތުން 3-0 އިން މޮޅުވެ އެ ޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.
ރޭގެ މެޗުގައި ބްރެޒިލްގެ ތަރިއަކަށްވީ ބާސެލޯނާގައި ނިމިދިޔަ ސީޒަނުގައި މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާ ފިލިއްޕޭ ކުޓީނިއޯ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި އެ ޓީމަށް ދެލަނޑުޖަހައިދީފައެވެ.
ބްރެޒިލުން ރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ބާސެލޯނާގެ މީޑްފީލްޑަރު އާތުރް މެލޯގެ ބަދަލުގައި މެންޗެސްޓާ ސިޓީގެ ޑިފެންސިވް މިޑްފީލްޑަރު ފެނާންޑީނިއޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
ރޭގެ މެޗުގައި ފާހަގަކޮށްލެވުނު އެންމެ ބޮޑު ބަދަލަކީ އާއްމުކޮށް ރީނދޫ ކުލައިގެ ޖާޒީގައި ފެންނަ ބްރެޒިލުން ވޭތުވެދިޔަ ގާތްގަނޑަކަށް 60 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހުދު ޖާޒީގައި ފެނިގެންދިއުމެވެ.
ސައޮ ޕައުލޯގެ އެސްޓާޑިއޯ ޑޮ މޮރުމްބީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބޮލީވިއާގެ ޑިފެންސްލައިން ފޫއަޅުވާލުމަށް ބްރެޒިލަށް ވަނީ އުނދަގޫތަކާއި ކުރިމަތިލާންޖެހިފައެވެ. ބްރެޒިލްގެ ފަރާތުން ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް ފެނިފައިނުވާއިރު ބޮލީވިއާ އިން ކުޅުނީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެންނެވެ.
މެޗުގެ ކުރީކޮޅު، ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް ވަނީ ލަނޑުޖެހުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ގޯލާއި ވަރަށް ކައިރިން ފިރްމީނޯ ފޮނުވާލި ބޯޅަ ބޮލީވިއާގެ ގޯލްކީޕަރު ކާލޯސް ލަމްޕޭ މަތަކުރިއެވެ. މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން، ބްރެޒިލުން ކުޅުން ރަނގަޅުކުރިއެވެ. އޭގެނަތީޖާއެއްގެ ގޮތުން، މެޗުގެ 50 ވަނަ މިނެޓުގައި ބްރެޒިލްގެ ކުޓީނިއޯ ވަނީ ލިބުނު ޕެނަލްޓީއަކުން ލީޑް ނަގައިފައެވެ. އެ ޓީމުގެ ރިޗާލިސަން ފޮނުވާލި ބޯޅަ ބޮލީވިއާގެ އެޑްރިއާނޯ ޖުސީނޯގެ އަތުގައި ޖެހުމުން ރެފްރީ ޕެނަލްޓީ ދިިނީ، މި މުބާރާތުގައި ފުރަތަމަ ފަހަރަށް ބޭނުންކުރާ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދައިގެންނެވެ.
އޭގެ ތިން މިނެޓު ފަހުން، ބްރެޒިލްގެ ލީޑް ފުޅާކޮށްދިނީވެސް ކުޓީނިއޯ އެވެ. މިއީ އެ ޓީމުގެ ފިރްމީނޯ ނަގައިދިން ރީތި ހުރަހަކުން ލިބުނު ބޯޅައެއް ވަރަށް ހަމަޖެހިލާފައި ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކުޓީނިއޯ ކާމިޔާބުކުރި ގޯލެކެވެ.
ބްރެޒިލްގެ ތިންވަނަ ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ މި ހާފުގައި ކުޅެން ނިކުތް އެވަޓަން އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބޮލީވިއާގެ ދެ ކުޅުންތެރިން ކައިރިން ދެމިގަނެ މަޑުމަޑުން އޭރިޔާބޭރަށް ނިކުމެ ފޮނުވާލި ހަމަލާއަކުން ގޯލްގެ ދުރުކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.
މި މުބާރާތުގައި ބްރެޒިލަށް ދެން އޮތީ އަންނަ އަންގާރަ ދުވަހު ވެނެޒުއެލާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ކޮޕާ އެމެރިކާގައި މިރޭ ކުޅެވޭ މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ރާއްޖޭގަޑިން ދަންވަރު 00:00 ގައި ވެނެޒުއެލާއާ ދެކޮޅަށް ޕެރޫ ނިކުންނައިރު، މިރޭގެ ބޮޑު މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ކޮލަމްބިއާ ނިކުންނާނީ 03:00 ގައެވެ.