އައިޖީއެމްއެޗުގައި އިއްޔަ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭން ހެދުން މެދުކެނޑިފައިވާތީ، އިމަޖެންސީކޮށް ސީޓީ ހަދަން ޖެހޭ މީހުން ޓްރީ ޓޮޕަށް ފޮނުވަން ނިންމައިފި އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެމަޖެންސީކޮށް ހަދަން ޖެހޭ ސީޓީތައް، ހުޅުމާލޭގައި ހުންނަ ޓްރީޓޮޕަށް ފޮނުވަން އެ ހޮސްޕިޓަލާއި އާސަންދައާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގީ އެ ހޮސްޕިޓަލްގެ ސީޓީ ސްކޭން މެޝިނާއި އައިޓީ ބައެއް ތަކެއްޗަށް ބެކަޕް ކަރަންޓް ދޭން ބޭނުންކުރާ ޔޫޕީއެސް ސިސްޓަމްގެ ބެޓެރި ބޭންކްގަ އެވެ. އެހެންކަމުން އެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް އަލުން ދެވޭނެ ތާރީހެއް ބުނެފައެއް ނުވެއެވެ.
އިއްޔަ ހިނގި އަލިފާނުގެ ހާދިސާގައި އައިޖީއެމްއެޗުގެ ބޮޑު ސަރަހައްދަކަށް ދުމުގެ އަސަރުކޮށް، އިމެޖެންސީގައި ތިބި ބަލިމީހުން ވަނީ އެހެން ތަނަކަށް ބަދަލުކުރެވިފައެވެ.