ގިނަ ބަޔަކަށް ވަރަށް ކަމުގޮސްފައިވާ ސުޕަރ ހިޓް ލަވައެއް ކަމަށްވާ "ޓިޕް ޓިޕް ބަރްސާ"ގެ ރިމޭކެއް ހަދަން މަޝްހޫރު ޑައިރެކްޓަރ ރޯހިތް ޝެޓީ ނިންމައިފިއެވެ.
އިންޑިއާގެ ބައެއް ބޮލީވުޑްގެ ހަބަރުތައް ފަތުރާ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ޓިޕް ޓިޕް ބަރްސާ"ގެ ރިމޭކް ލަވަ ފެނިގެންދާނީ ޑައިރެކްޓަރު ރޯހިތް ޝެޓީގެ ކުރިއަށް އޮތް ފިލްމު "ސޫރިޔަވަންޝީ" އިންނެވެ.
އެ ލަވައިގެ، ރިމޭކުން ފެނިގެންދާނީ، "ސޫރިޔަވަންޝީ" ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރު އަދި ކެޓްރީނާ ކެއިފްއެވެ.
"ޓިޕް ޓިޕް ބަރްސާ" އަކީ 1994 ގައި ރިލީޒްކުރި "މޮހްރާ" ފިލްމުގެ ލަވައެކެވެ. އެ ލަވަ ކުޅެފައިވަނީ އަކްޝޭ ކުމާރު އަދި ރަވީނާ ޓެންޑަންއެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، އެ ލަވައިގެ ރިމޭކް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި، ފިލްމުގެ ޓީމުން ފަށާނެއެވެ. އެލަވައިގެ ރިމޭކް ކުޅުމަށް ހަމަޖެހިފައިވަނީ، އިންޑިއާގެ ހައިޑްރަބާދްގައެވެ.
"ޓިޕް ޓިޕް ބަރްސާ"ގެ އަސްލު ލަވައިން ފެނިގެންދަނީ، ވާރޭ ތެރޭގައި ދެތަރިންގެ އިޝްގީ މަންޒަރުތަކެކެވެ. އެ ލަވައިގަ، ރަވީނާ ޓެންޑަން ލީ ރީނދޫ ސާރީ ވަނީ އެދުވަސްވަރު މީހުންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައެވެ.
ކުރިން މިއަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ، ފިލްމު "ސޫރިޔަވަންސީ" މިހާރު ރިލީޒް ކުރަން ހަމަޖެހިފައިވަނީ، މިއަންނަ އަހަރުގެ މާރިޗް މަހުގެ 27 ގައެވެ.