މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 6.5 އިންސައްތަ އަށް ވުރެ މަތީގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދުވެލި، މަޝްރޫއުތައް ފެށުމުން ކުރިއަރައިގެންދާނެ ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވި އިރު، ވޯލްޑް ބޭންކުން ދާދި ފަހުން އާއްމުކުރި ރިޕޯޓުގައި ވަނީ، ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ އެވްރެޖްކޮށް ފަސް އިންސައްތައިގައި ކަމަށެވެ. ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ނިމޭ އިރު ހުންނާނީ 6.5 އިންސައްތައިގައި ކަމަށެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު އެއް އިންސައްތަ މަދު އަދަދެކެވެ.
ފިނޭންސް މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ތަރައްޤީޤެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.