ސެމްސަންގުގެ ފަތްޖެހޭ ފޯނު ގެލެކްސީ ފޯލްޑް ފޯނުތަކަށް ދިމާވި މައްސަލަތަކާއި ގުޅިގެން ވާވޭ އިން އެ ފޯނާއި ވާދަކުރުމަށް ކުރިއަށް އޮތް ޖޫން މަހުގައި ނެރެން ނިންމާފައިވާ މޭޓް އެކްސް ނެރުން އަންނަ ސެޕްޓެންބަރު މަހަށް ފަސްކޮށްފިއެވެ.

ޗައިނާގެ އެންމެ ކުރިއަރަމުން އަންނަ މޯބައިލް ފޯން އުފައްދާ ކުންފުނި، ވާވޭ އިން ސީއެންބީސީ އާއި ވޯލް ސްޓްރީޓް ޖާނަލް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ކުންފުނިގެ އަމާޒަކީ ކަސްޓަމަރުންނާއި ހަމައަށް ފޯނުތައް އަންނައިރު އެއްވެސް ކަހަލަ މައްސަލައެއް ދިމާނުވާނެގޮތަށް މަގުފަހިކުރުން ކަމަށެވެ.

ވާވޭގެ ފަތްޖެހޭ ފޯންތައް ނެރުން ފަސްކޮށްފައިމިވަނީ، ވާދަވެރި ސެމްސަންގް ކުންފުނީގެ ގެލެކްސީ ފޯލްޑް (އެފް) ނުވަތަ ފަތްޖެހޭ ފޯނު މި ދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ބާޒާރަށް ނެރެން ނިންމާފައި ވަނިކޮށް އެ މޮޑެލްގެ ފޯނުތަކުގެ ޑިސްޕްލޭއަަށް މައްސަލަތައް ދިމާވެ، ހަލާކުވާ މައްސަލަތައް ފެންމަތިވުމުން، އެ ފޯނު ނެރުން ފަސްކޮށްފައިވަނިކޮށެވެ.

"އަވަސް އަރުވާލައިގެން ފޯން ނެރުމުގެ ސަބަބުން ކަސްޓަމަރުންގެ މެދުގައި އަހަރެމެންނަށް އޮތް އިތުބާރު ގެއްލޭކަށް ބޭނުމެއް ނޫން." ސީއެންބީސީ އަށް ދިން އިންޓަވިއުގައި ވާވޭގެ ސްޕޯކްސްޕާސަން ބުންޏެވެ.

މިވަގުތަށް ބަލާއިރު ވާވޭ އިން މި ފޯން ނެރުން ފަސްކޮށްފައިމިވަނީ ފަތްޖެހޭ ފޯނަކީ މުޅިން އަލަށް ތައާރަފްކޮށްގެން ޓެކްނޮލޮޖީއަކަށްވާތީވެ އޭގެ އަށް މައްސަލައެއް ދިމާވިޔަނުދިނުމަށްޓަކައި ނޫންކަމަށާއި އެއީ އެމެރިކާގެ ކުންފުނިތަކުން ވާވޭ އާއެކު ވިޔަފާރިކުރުން، އެމެރިކާ ސަރުކާރުން މަނާކޮށްފައިވާތީވެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން، ވާވޭ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ކުންފުނިން މިހާތަނަށް އައިއިރު ފޯނުތަކުގައި ބޭނުންކުރަމުން އައި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރުން މަނާވުމެވެ. އެއީ، އެންޑްރޮއިޑަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ގޫގްލްގެ މުދަލަކަށް ވާތީވެއެވެ.

މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ، ވާވޭ އިން މޭޓް އެކްސް ކުރިއަށް އޮތް ސެޕްޓެންބަރު މަހު ނެރޭނީ އެންޑްރޮއިޑް އޯއެސްއާއެކުގައި ތޯ އެވެ؟ ސީއެންބީސީ އިން ބުނިގޮތުގައި އެ ފޯނު ނެރެން ނިންމާފައިވަނީ ވާވޭއާއެކު އެމެރިކާގެ ކުންފުނިތަކުން ވިޔަފާރިކުރުން މަނާކުރުމުގެ ކުރީން ކަމަށްވާތީވެ، އެ ފޯންތަކުގައި ކުރިއެކޭ އެއްގޮތަށް އެންޑްރޮއިޑް އޯއެސް ހިމެނުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ.

ނަމަވެސް، އާހިރުގައި ކަން ދިމާކުރާގޮތަކުން އެ ކުންފުނީގެ އަމިއްލަ "ހޮންމެން އޯއެސް" ބޭނުންކުރުމަށް ފަސްނުޖެހޭނެކަމަށްވެސް ވާވޭ އިން ބުނެފައިވެއެވެ.

"އަހަރެމެންގެ އަމިއްލަ އޯއެސްއާއެކު ފޯންތައް ނެރުމުގެ ގާބިލްކަން މިހާރު އެބަހުރި. ނަމަވެސް، އެކަމަށް ހަޔަކާއި ނުވަ މަހާއި ދޭތެރޭގެ މުއްދަތެއް ހޭދަވާނެ." ސީއެންބީސީ އަށް މައުލޫމާތުދިން ވާވޭގެ ސްޕޯކްސްޕާސަން ބުންޏެވެ.

ވާވޭގެ މޭޓް އެކްސްގެ މޮޑެލްއެއް އެންމެ ފުރަތަމަ އާއްމުންނަށް ދައްކާލައިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގައެވެ. އެ ފޯނުގައި 8 އިންޗީގެ އޯލެޑް ޑިސްޕްލޭއެއް ހިމަނާފައިވާއިރު 8 ޖީބީގެ ރޭމް އަކާއި ތިން ކެމެރާ އެކުލެވިގެންވެއެވެ. 5 ޖީ ނެޓްވޯކް ސަޕޯޓްކުރާ މި ފޯނުގެ އަގު ފެށޭނެކަމަށް ބެލެވެނީ 2،600 ޑޮލަރުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *