ސިއްހީ ހާލަތު ގޯސްވުމުން އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އިރުޝާދު ދެމުން އަންނަ މެކްސިކޯގެ ދެވަނަ ޑިވިޝަނުގެ ކްލަބު ޑޮރަޑޮސް ޑެ ސިނަލޯގެ ކޯޗުގެ މަގާމުން އިސްތިއުފާދީފިއެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އުމުރުން 58 އަހަރުގެ މަރަޑޯނާ ކޯޗުކަމުން ވަކިވާން ނިންމާފައިވަނީ ސިއްހީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކޮނޑާއި ކަކުލު ހުޅުގެ އޮޕަރޭޝަންތަކެއް ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާތީވެއެވެ.

ޑޮރަޑޮސްގެ ކޯޗުކަމާއި މަރަޑޯނާ ހަވާލުވީ މިދިޔަ ސެޕްޓެންބަރު މަހުގައެވެ. މެކްސިކޯގެ ފުރަތަމަ ޑިވިޝަނަށް އެ ކްލަބު ކޮލިފައިކޮށްދިނުމަށް އަމާޒުހިފި މަރަޑޯނާ އަށް އެކަމުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުއިރު އެ މަގާމުގައި އޭނާ އަށް އެއް އަހަރުވަންދެން ދެމިހުރެވޭގޮތެއްނުވިއެވެ.

އާޖެންޓީނާއާއެކު 1986 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ކެޕްޓަން މަރަޑޯނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އައިއިރު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދިފައެއްނުވެއެވެ. އާޖެންޓީނާގެ ގައުމީ ޓީމާއި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ނިޔަލަށް ހަވާލުވިއިރު އެ ޓީމު ވަނީ އެ މުބާރާތުގެ ދެވަނަ ބުރުން ކަޓައިފައެވެ.

މަރަޑޯނާގެ އިރުޝާދުގެ ދަށުން ޑޮރަޑޮސް ވަނީ ކުޅުނު 38 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެ، ނުވަ މެޗުން ބަލިވެފައެވެ. ބާކީ ނުވަ މެޗުން ވީ އެއްވަރެވެ.

މީގެކުރީން އޭނާ ވަނީ ޔޫއޭއީގެ އަލް ފުޖައިރާ އާއި އަލް ވަސްލް އަދި އާޖެންޓީނާގެ ކްލަބުތައްކަމަށްވާ ރޭސިން ކްލަބްގެ އިތުރުން މަންޑިޔު ޑެ ކޮރިއެންޓެސް އަށް ވެސް ކޯޗުކޮށްދީފައެވެ.

މީގެއިތުރުން، އޭނާ ވަނީ އާޖެންޓީނާގެ ޑިޕޯޓިވޯ ރިއެސްޓްރާގެ އެސިސްޓެންޓް މެނޭޖަރުކަމުގެ މަގާމު 2013 އިން 2017 ގެ ނިޔަލަށް އަދާކޮށްފައެވެ. އަދި އޭނާ ވަނީ 2018 ވަނަ އަހަރުގައި ބެލާރުސްގެ ޑިނަމޯ ބްރެސްޓްގެ ޗެއާމަންކަމުގެ މަގާމާއި ހަވާލުވެފައެވެ.

ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މަރަޑޯނާ ވަނީ މެންޗެސްޓާ ޔުނައިޓެޑަކީ އޭނާގެ އެންމެ މަގްބޫލް އިނގިރޭސި ކްލަބުކަމަށާއި އެ ޓީމުގެ ކޯޗުކަމުގެ ޒިންމާ އަދާކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ އެކަން ގަބޫލުކުރާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *