އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯޅަ ލީގު (އެންބީއޭ) ފައިނަލްގައި މިއަދު ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޯރިއާސް 114-110 ޕޮއިންޓުން ބަލިކޮށް ޓޮރޮންޓޯ ރެޕްޓާސް އިން ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ތަށި ހޯދައިފިއެވެ.

ރެޕްޓާސް އިން ޗެމްޕިއަންކަން ހޯދީ އެންބިއޭ ފައިނަލްސްގެ ބެސްޓް އޮފް ސެވަން ސީރީޒް 4-2 އިން ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗަށް ނިކުތްއިރު ވޯރިއާސް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިތުބާރު ސްމޯލް ފޯވާޑް ކެވިން ޑުރާންޓަށް ގޭމް 5 ގައި ލިބުނު އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އެގޮތުން، މި އަނިޔާގެ ސަބަބުން އޭނާ އަށް ކުރިއަށް އޮތް އެންބިއޭ ސީޒަނުގައިވެސް ނުކުޅެވޭނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޯކްލަންޑްގެ އޮރެކަލް އެރީނާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ދެ ކުއާޓާ ރެޕްޓާސް އިން ގެންދިޔައީ 33-32، 27-25 އިންނެވެ. ނަމަވެސް ވޯރިއާސް އިން 31-26 އިން ތިންވަނަ ކުއާޓާގައި ކުރިހޯދިއެވެ. މެޗުގެ ފަހުވަގުތުކޮޅުގައި، 111-110 ގެ ތަފާތުން ރެޕްޓާސް ކުރީގައި އޮއްވާ ވޯރިއާސްގެ ސްޓެފަން ކަރީ އަށް ވަނީ މެޗު ކާމިޔާބުކުރުމަށް ލިބުނު ފުރުޞަތުގައި ތިން ޕޮއިންޓަށް އެއްލުމުން ކާމިޔާބުނުކުރެވިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރެޕްޓާސްގެ ޕަވާ ފޯވާޑް ކޯހީ ލެނާޑް ކާމިޔާބުކުރި ޕޮއިންޓްތަކުން އެ ޓީމުން ފަހު ކުއާޓާ 28-22 އިން ކުރިހޯދައި ޗެމްޕިއަންކަން ހޯދިއެވެ. 

މި މެޗުގައި ރެޕްޓާސްގެ ޕަވާ ފޯވާޑް ޕަސްކަލް ސިއަކާމް ވަނީ 26 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ. ވޯރިއާސް އިން އެންމެ ރަނގަޅަށް ކުޅުނީ 30 ޕޮއިންޓް ހޯދައިދިން ޝޫޓިން ގާޑް ކްލޭ ތޯމްސަން އެވެ. މި މެޗުގެ ތިންވަނަ ކުއާޓާގައި އޭނާގެ ކަކުލު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ވޯރިއާސް އަށް ވަނީ އިތުރު މައްސަލަތައް ކުރިމަތިވެފައެވެ.

އެންބީއޭ ފައިނަލްސްގެ އެމްވީޕީއަކަށް ހޮވުނީ 28.5 ޕޮއިންޓްގެ އެވްރެޖަކާއެކު ރެޕްޓާސްގެ ލެނާޑް އެވެ.

އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާއެކު ރެޕްޓާސް ވެފައިވަނީ 1993 ވަނަ އަހަރުގެ ފަހުން އުތުރު އެމެރިކާގެ ކުޅިވަރު މުބާރާތެއް ކާމިޔާބުކުރި ކެނެޑާގެ ފުރަތަމަ ޓީމަށެވެ. އެފަހަރު ޓޮރޮންޓޯ ބްލޫޒް އިން މޭޖާ ލީގު ބޭސްބޯލް ވޯލްޑް ސީރީޒް ކާމިޔާބުކުރިއެވެ.

ވިދިވިދިގެން ތިންވަނަ ފަހަރަށް އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އަޒުމްގައި ނިކުތް ވޯރިއާސް އިން ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *