މާތްﷲ އިންސާނާއަށް ދެއްވި ނިއުމަތްތަކަށް ޝުކުރުވެރި ނުވަނީނަމަ އެ ނިއުމަތްތައް ﷲ ތައާލާ އަނބުރާ ގެންދަވާފާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ ﷲ އިންސާނާއަށް ދެއްވި ނިއުމަތްތައް ގުނާ އަދަދު ނުކުރެވޭނެ ކަމަށެވެ.
މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"ﷲގެ ނިއުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިއުމަތްތައް އަދަދެއް ނުކުރެވޭހުއްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތް މީހެކެވެ."
އެހެންކަމުން ﷲ އަޅުގަނޑުމެންނަށް ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ އެ ނިއުމަތްތަކުގެ އަގުވަޒަން ކުރަން އެބަޖެހެއެވެ. އަދި އެ ނިއުމަތްތަކަކީ ޤިޔާމަތް ދުވަހުން އެއާއި މެދު ސުވާލު ކުރެވޭނެ ނިއުމަތްތަކެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ދެން އެ ދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިއުމަތަކާ މެދު ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެކަން ކަށަވަރެވެ."
ހުތުބާގައި ބުނީ، ޒުވާން އުމުރު ހޭދަކުރި ގޮތާއި މެދު ސުވާލު ކުރެވޭނޭ ދުވަހެއް އަންނާނެކަމަށާއި އެ ދުވަހަކަށް ދޭނެ ޖަވާބަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މުސްލިމަކީ އަބަދާއި އަބަދު އޭނާގެ ނަފްސް ވަޒަންކުރުން މަތީ ދެމި ހުންނަން ޖެހޭ މީހެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ﷲ ތައާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ބޭކާރުގޮތުގައި ކުޅިވަރައް ކަމަށާއި، ހަމަކަށަވަރުން ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަސްރަތައް ރުޖޫއަ ނުކުރައްވާނެކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟؟"
ހުތުބާގައި ބުނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކާއި، އަޅުގަނޑުމެންގެ ދަރިންގެ ސަލާމަތައް ކުރަން ޖެހޭ ކަމެއް ކުރާނެ އެހެން ބަޔަކު ނުތިބޭނެ ކަމަށާއި، އެކަން ކުރަން ތިބޭނީ ހަމަ އަޅުގަނޑުމެން ކަމަށެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން އޮތީ ﷲ ރުއްސެވި ގޮތައް އުޅުނު މީހުންނަށް ކަމަށެވެ.