ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ރޭގެ ވަގުތެއްގައި ސަންޓިއާގޯ ބާނެބެއުގައި ތައާރަފްކުރިއިރު އޭނާ ވަނީ އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވުން ކަމަށް ބުނެފައެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް ރެއާލަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބޯނަހާއެކު 150 މިލިއަން ޕައުންޑްގެ ފީ އަކަށެވެ.

ހަޒާޑަށް މަރުހަބާކިޔަން ރޭ ސަންޓިއާގޯ ބާނެބެއު އަށް ދިޔަ ސަޕޯޓަރުންގެ އަދަދު ގެޓަފޭ އާއި ހުއެސްކާ އަދި ވިޔާރެއާލްގެ އިތުރުން ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލުން ލީގުގައި ކުޅުނު މެޗުތައް ބަލަން ދިޔަ މީހުންނަށްވުރެ ގިނައެވެ. އެގޮތުން، އެ ޓީމުގެ ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތަށް ގާތްގަނޑަކަށް 50 ހާސް ސަޕޯޓަރުން ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެކުރީން ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ތައާރަފްކުރިތަން ބަލާލަން ދަނޑަށް 70 ހާސް ސަޕޯޓަރުން ގޮސްފައިވެއެވެ.

ރެއާލް ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑިއާއާ ކުރިމަތިލުމަށް ފަހު ހަޒާޑް ބުނީ މިއީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއްކަމަށާއި ބޭނުންވަނީ އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށެވެ.

"އަހަރެން ބޭނުންވަނީ ރެއާލްއާއެކު ގިނަ ތަށިތަކެއް ހޯދައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ވާން." 

"އަހަރެން ޤަބޫލުކުރާގޮތުގައި އަދިވެސް ކުޅުން މިހާރަށްވުރެ ރަނގަޅު ކުރެވޭނެ. އުއްމީދަކީ ރެއާލްއާއެކު ދެވެންއޮތް އެންމެ މަތީ ލެވެލްއަކަށް ދިއުން." ހަޒާޑް ބުންޏެވެ.

ރެއާލުން ހަޒާޑް ތައާރަފްކުރިނަމަވެސް، އެ ޓީމުގައި އޭނާ ބޭނުންކުރާނީ ކޮން ޖާޒީ ނަންބަރެއްކަމެއް އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް، ރެއާލުން ކުރިއަށް އޮތް ސީޒަނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޖާޒީތައް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކަމުންދާއިރު ހަޒާޑްގެ 7 ނަންބަރުޖެހި ޖާޒީތަކަށް ވަރަށް ބޮޑު ތަރުހީބެއްލިބިފައިވެއެވެ. ރެއާލްގައި މިވަގުތު އެއްވެސް ކުޅުންތެރިއަކު ބޭނުންނުކުރާ ހަމައެކަނި ނަންބަރަކީ ޖާޒީ ނަންބަރު 16 އެވެ.

ފްރާންސްގެ ލިއްލޭ އިން 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް ވަނީ އެ ޓީމަށް ކުޅެދިން 352 މެޗުގައި 110 ގޯލް ކާމިޔާބުކޮށްފައެވެ. އެ ޓީމުގައި ހޭދަކުރީ ދުވަސްވަރު، އޭނާ ވަނީ ޕްރިމިއާ ލީގާއި ޔުރޮޕާ ލީގު ދެ ފަހަރު އެފްއޭކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ހަޒާޑްގެ އިތުރުން ރެއާލަށް ކުރިއަށް އޮތް ސީޒަނަށް ގެނައި ކުޅުންތެރިންނަކީ ސާބިއާގެ ފޯވާޑް ލޫކާ ޖޮވިޗް އާއި ބްރެޒިލްގެ އެޑާ މިލިޓާއޯ އަދި ރޮޑްރީގޯ ގޮއެސްގެ އިތުރުން އޮލިމްޕިކް ލިޔޯން އަށް ކުޅެމުން އަންނަ ފްރާންސްގެ ވާތުބެކް ފޭލަން މެންޑީ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *