ލޯތްބަކީ އެތައް މާނައެއް އެކުލެވިގެންވާ މާނަ ފުން ދެ އަކުރެވެ. ބައެއް މީހުން އެކި މާނަގައި ލޯބި ބޭނުން ކުރަމުން އަންނައިރު ހަޤީޤަތަކީ ލޯތްބަކީ ހިތުގައި އުފެދޭ ބަޔާންކުރަން ދަތި، އުފާވެރި އިހްސާސްތަކަކަށް ކިޔާ ނަމެއް ކަމެވެ. ބައެއް މީހުންނަކީ މީހުން ދެކެ ވަރަށް ފަސޭހައިން ލޯބިވެވޭ މީހުންނެވެ. ނުވަތަ ލޯބިވާކަމަށް ދެއްކިގެން އުޅޭ މީހުންނެވެ. މިފަދަ މީހުންނަށް ދިވެހި ބަހުގައި ކިޔާ އުޅެނީ ގިރިޓީ ލޯބިވާ މީހުންނެވެ. ގިރިޓީ ލޯތްބަކީ އެއްވެސް އެއްވެސް ހަޤީޤަތެއް ނެތް ނުވަތަ އެއްވެސް އަސްލެއް ނެތް ނުވަތަ ބޭރުފުށުން ދައްކައިގެން އުޅޭ ލޯތްބައް ކިޔާ އުޅޭ ނަމެކެވެ.
ގިރިޓީ ލޯތްބާއި ދިވެހި މުޖުތަމައާއި ގުޅުމެއްވާ ކަމީ މިއަދު ޝައްކެއް އޭގައި އެކުލެވިގެންވާ ކަމެއް ނޫނެވެ. މިހާރު އުޅޭ ކުދިން ހެޔޮކޮށް ބާލިޣުނުވެ އުޅެނިކޮށް ހުންނާނީ ލޯބީގެ ގޮތުން ކޮންމެވެސް ކުއްޖަކާއި ގުޅިފައެވެ. ލޯބިވެގެން ގޮސް ކޮންމެ ކަމެއް ކުރަންވެސް ތައްޔާރުވާ ހިސާބުގައެވެ. އެފަދަ ކުދިންގެ ލޯބީގެ ފަލްސަފާ ލައިލާއާއި މަޖުނޫނަށް ދޫނުކުރާނެއެވެ. އެހާވެސް އިޝްޤީވުމާއި އެކު އަސަރުގަދަވާނެއެވެ. ދެން އުފެދޭ ސުވާލަކީ، މިކުދިން މިވަނީ ހަމަ ހަޤީޤަތުގައިވެސް ލޯބިތޯއެވެ؟
ލޯބިވެޔޭ ކިޔައިގެން ގުޅިގެން އުޅޭ ބައެއް މީހުންނަކީ ޒަވާޖީ ހަޔާތެއްގެ ވާހަކަ ދެއްކިޔަސް ގައިން ހީބިހި ނަގާ މީހުންނެވެ. އެމީހުން ކައިވެނި މަތިން އެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ހަޤީޤީ ލޯބިވުމުގެ އަނދުން އަޅުވައިގެން އެފަދަ މީހުން އެކުޅޭ ކުޅިސަމާގައި ގިނަފަހަރު ޖެހެނީ ފިރިހެނުންނެވެ. ނަމަވެސް ކެހިވެރިކަމުގެ އެ ދަލުގައި ޖެހޭ އަންހެނުންވެސް ވަކި މަދެއް ނޫނެވެ. ލޯބިވެޔޭ ދުލުން ބުނެލުމަކުން އަދި ލޯބިވީމަކަށް ނުވާނެއެވެ. އެކަން އަމަލުން ނުދެއްކެނީ ނަމަ އެކަމުގެ މަންފާއެއް ނެތެވެ. ބޭރުފުށުން ކިތަންމެ ޗާލާކީ ވާން އުޅުނެއް ކަމަކު، އެތެރޭގައި ހަސަދައިގެ އަލިފާން އަނދާހާ ހިނދަކު ރުހުމުގެ ނަޒަރަކުން ނުވަތަ ހެޔޮ ހިތަކާއިގެން ލޯބިވެރިޔާއާއި ދިމާލަށް ނުބެލޭނެއެވެ. އަމިއްލަ އެދުމާއި ތަޣައްޒަބުން ފުރިގެންވާ ކެހިވެރި ހިތަކަށް ހަޤީޤީ ލޯބިވެވުމަކީ ނާދިރު ކަމެކެވެ.
ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ވަރި ގިނަ ގައުމެއްގެ ގޮތުގައި ފާހަގަވެފައި އޮންނަ ގައުމެކެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ލޯބިލޯބިން ޖަހާލި ކައިވެނީގެ ގޮށް މޮހެވި ކައިވެނީގެ ނައު މިސްރާބެއްނެތި މާސިންގާ ކަނޑުގައި އޮޔާއި ވައިގެ ޝިކާރައަކަށްވާން ޖެހެނީ ކީއްވެތޯއެވެ؟ އާދެ، އެއީ ކައިވެނީގެ ގުޅުން ވަރުގަދަ ނުވުމުންނެވެ. ދެމެފިރިން އެކަކު އަނެކަކަށް ކުރަން ޖެހޭ އިތުބާރު ނުކުރުމުންނެވެ. ހަޤީޤީ ލޯބި ނުވެނި ގިރިޓީ ލޯތްބެއް ވެވި، އަނބިމީހާ ނުވަތަ ފިރިމީހާގެ ލޮލުގައި ލޯބީގެ އަނދުން އެޅުވޭތީއެވެ.
ގިރިޓީ ލޯބިވުމަކީ އަހުލާޤީ ބޮޑެތި ކުއްތަކުގެ މުގުލެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު އުންމަތެކޭ އެއްއިރެއްގައި އަހަރެމެން ބުނީ މޭފުއްޕާލާފައި ފަހުރުވެރިކަމާއި އެކުގައެވެ. ނަމަވެސް މިއަދު އެހެން ބުނެވޭނެ ޖާގައެއް އެބައޮތްތޯއެވެ؟ ހުދު އަޅުގަނޑުގެ ޒަމީރުވެސް އެކަން އެގޮތައް ގަބޫލެއް ނުކުރެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފާޅުގައި ނައިޓު ކުލަބުތައް އެހެރެގެސް ހިންގަނީއެވެ. ފާޅުގައި ބަދުއަހުލާޤީ އަމަލުތައް ހިންގަނީއެވެ. ޒިނޭ ކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެއްޖެއެވެ. ފަހުރުވެރިކަމާއި އެކު ފާފަތަކަށް އަރައިގަންނަ މީހުން ގިނަވެ ގައުމުގެ ކުރިމަގު ބޮޑު އަނދަވަޅަކާއި ދިމާއަށް މިވަނީ މިސްރާބު ޖަހައިފައެވެ. މި އަނދަވަޅުން ގައުމު ސަލާމަތް ކުރެވޭނީ އިހްލާސްތެެރިކަން އިސްކޮށް، އަމިއްލަ އެދުން އެއްފަރާތްކޮށް ޤައުމީ މަސްލަހަތާއި ތެދުވެރިކަން އިސްކޮށްގެނެވެ. ތެދުވެރި ވަފާތެރިންގެ އަދަދު ގިނަވެގެންނެވެ.