އަންނާރަކީ ގަހެއްގައި އަޅާ ރަތްކުލައިގެ މޭވާއެކެވެ. ރަތް އާފަލެއްގެ ބަށްޓަމަށް ހުންނަ މި މޭވާ އަކީ ފަސް ސެންޓިމީޓަރާއި 12 ސެންޓިމީޓަރ ނުވަތަ ފަސް އިންޗި އާއި ދެ އިންޗީގެ ފުޅާމިނެއް ހުންނަ މޭވާއެކެވެ. ބޭރު ފަށަލަ ތުނި މިމޭވާގެ އެތެރޭގައި ވަރަށް ގިނަ އޮށްތަކެއް ހުރެއެވެ. މި އޮށްތައް ހުހަށް ކާލަން ވަރަށް މީރެވެ. އަދި ފަނި ގިރައިގެން ވެސް ބޭނުން ކުރެވިދާނެއެވެ. 

އަންނާރަކީ އޭގެ ޒާތުގައި ފޮނި ކަމަށް ބެލެވޭ މޭވާ އެކެވެ. އެއްތަށި އަންނާރުގައި 24 ގުރާމު ހަކުރު އަދި 144 ގުރާމު ކެލޮރީސް ހުރެއެވެ. އަދި ހަމަ އެއާއި އެކު ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް އެކުލެވިގެން ވެއެވެ. މިގޮތުން އެއްތަށި އަންނާރު ދިޔައިގައި 7 ގުރާމު ފައިބަރު، 3 ގުރާމު ޕްރޮޓީން، %30 ވިޓަމިންސީ، %36 ވިޓަމިން ކޭ، %16 ފްލޯޓު އަދި %12 ޕޮޓޭސިއަމް ހުރެއެވެ،. މިހެންކަމުން ވަރަށް ގިނަ ބަލިތަކަށް ފަރުވާކުރުމުގައި އަންނާރު ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ތެރޭގައި އާންމު ބައްޔަކަށް ވާ ހިތުގެ ބަލި ހުންނަ މީހުނަށް ޑޮކްޓަރުން  އަންނާނު ބޭނުން ކުރުމަށް ލަފާދެއެވެ. އަންނާރުގައި ހިތާއި ލޭދައުރު ކުރާ ނިޒާމަށް ވަރަށް ފައިދާ ހުރި ބާވަތް ތަކެއް އެކުލެވޭކަމުން މިމޭވާއަށް "ހިތުގެ އެކުވެރިޔާ"ގެ ނަން ވެސް ވަނީ ދެވިފައެވެ. ހޯދުން ތަކުގައި ދައްކާ ގޮތުގައި މި މޭވާގެ ސަބަބުން ލޭ ދައުރު ކުރުން ރަނގަޅުކޮށްދިނުމުގެ އިތުރުން ހިތުގަ އެކުލެވޭ ކޮލެސްޓްރޯލްގެ މިންވަރު ގިނަ ނުވެ ހިފަހަށްޓައިދެއެވެ. އަދި ލޭނާރުތައް ބެދިގެން ދިމާވުން އެކަށީގެންވާ ބަލިތަކުން ވެސް ރައްކާތެރިކޮށްދެއެވެ. ނަމަވެސް ކޮލެސްޓްރޯލަށް ބޭސް ކަމުން ދާ މީހުން މި މޭވާ އެހާ ގިނައިން ބެނުން ނުކުރުމަށް ޑޮކްޓަރުންނާއި، ކަމާބެހޭ މާހިރުން އިލްތިމާސް ކުރެއެވެ.

ކެންސަރު ބައްޔަކީ އަދިވެސް އެއަށް އެންމެ އެކަށީގެންވާ ފަރުވާއެއް އަދިވެސް ހޯދިފައި ނުވާ ބައްޔެކެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ކެންސަރު ބަލި ފެތުރުން ހުއްޓުވާ މާއްދާ ތަކެއް އަންނާރުގައި އެކުލެވިގެންވެއެވެ. އެހެންކަމުން މި ބަލީގެ ފަރުވާ ހޯދަމުން ދާ މީހުން އަންނާރު ނުވަތަ އޭގެ ދިޔަ ބެނުންކުރުން އެދެވިގެންވެއެވެ. 

މީގެ އިތުރުންވެސް އަންނާރުގައި ހިމެނޭ ވިޓަމިން އަދި މިނަރަލްސްގެ މާއްދާތަކުގެ ސަބަބުން ލޭމައްޗަށް ދިޔުމާއި ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުން ދުރުކޮށްދެއެވެ.

އެހެންކަމުން ކޮންމެ ދުވަހެއްގެ ޑައިޓް ޕްލޭނުގައި އަންނާރަކީ ހިމަނާލުން ވަރަށް މުހިންމު މޭވާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *