އިންސާނާގެ ދުލަކީ އެއާއި މެދު ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހޭ ގުނަވަނެކެވެ. އެ ދުލުގެ ބޭނުން ނުބައިގޮތުގައި ބޭނުންކުރާ އިންސާނާއަށް ނަރަކައިގެ ވޭންދެނިވި އަޒާބު ލިބޭއިރު އެ ދުލުގެ ބޭނުން ހެޔޮގޮތުގައި ކުރުމަކީ އުހުރަވީ ހަޔާތް ބާއްޖަވެރިވާ ކަމެކެވެ.

ދުލުން ބޭރުވާ ކޮންމެ ބަހަކީ އެއާއި މެދު ސުވާލު ކުރެވޭނެ، އަދި ލިޔެ ރައްކާކުރެވިގެންވާ އެއްޗެކެވެ. މިކަން ކުރުމަށްޓަކައި މާތްﷲ ވަނީ މަލާއިކަތުންތަކެއް ޢައްޔަން ކުރައްވައި އެކަމަށް ޢަމުރު ކުރައްވާފައެވެ. 

މާތްﷲ ވަޙީ ކުރައްވަނީ:

مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَ‌قِيبٌ عَتِيدٌ

މާނައީ "ކުރާ عمل ތައް ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ."

ދުލުން ކުރެވޭ ނުބައިކަންކަމުގެ ތެރޭގައި ނެތިމޮށުމާއި، ޣީބަ ބުނުން ފަދަ ކަންކަން ހިމެނެއެވެ. ޣީބަ ބުނުމަކީ އެކަމުގެ ނުބައިކަން އިންތިހާއަށް އޮތް ކަމެކެވެ.

ޣީބަ ބުނުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މާތްﷲ ޥަޙީ ކުރައްވަނީ:

وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِ‌هْتُمُوهُ

މާނައީ: "އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ."

ތިމާގެ އަހާ ނުރުހޭ ވާހަކައެއް ދެއްކުންވެސް ޣީބަ ބުނުމުގެ ތެރޭގައި ހިމެނެއެވެ.

ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

"ޣީބަ ބުނުމަކީ ތިމާގެ މިސްލިމް އަޚާ ނުރުހޭ ވާހަކައެއް ދެއްކުމެވެ." ދެން ޞަޙާބީއަކު އެއްސެވިއެވެ.    "އެކަމަކު ތިމަންމެން ހަދަނީ ތެދުކަމުގައި ވަނީނަމަވެސްތޯއެވެ؟" ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ. "ކަލޭހެދީ ތެދު ކަމުގައިވަނީ ނަމަ ކަލޭ ޣީބަ ބުނެފިއެވެ. އަދި ކަލޭ ހެދީ ދޮގު ކަމުގައިވާނަމަ ކަލޭ އަބުރާބެހެފިއެވެ."

ދުލުން ބޭރުކުރާ ކޮންމެ ބަހެއް ބޭރުކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއި އެކުގައެވެެ.

ކީރިތި ރަސޫލާ صلى الله علىه وسلم ޙަދީޘްކުރެއްވި ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ.

"އެއްވެސް ވިސްނުމަކާ ނުލާ މީހެއްގެ ދުލުން ބޭރުކުރާ ބަސްތަކެއްގެ ސަބަބުން އިރުމަތީ ފަރާތާއި ހުޅަނގު ފަރާތާއި ދެމެދުގައިހުރި ދުރުމިނަށް އޭނާ ނަރަކައިގެ ތެރެއަށް އެއްލައިލެވޭނެތެވެ."

މަސްދަރު: ދިސަލަފިއްޔާ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *