ކުރިއަށް އޮތް ޕްރިމިއާ ލީގު ސީޒަނުގެ މެޗް ޝެޑިއުލް މިއަދު ނެރުނުއިރު ފުރަތަމަ މެޗުގައި އޯގަސްޓްމަހުގެ 9 ވާ ހުކުރު ދުވަހުގެ ރޭ ބައްދަލުކުރާނީ ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލްއާ އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީ އެވެ.

އެންމެފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ހަވީރު ނިކުންނައިރު މި ހަފްތާގައި ކުޅޭ އެންމެ ބޮޑު މެޗުގައި އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑް ނިކުންނާނީ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށެވެ.

ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް އެސްޓަން ވިލާ ނިކުންނައިރު ޝެފީލްޑް ޔުނައިޓެޑް ނިކުންނާނީ ބޯންމައުތުއާ ދެކޮޅަށެވެ. 

ފުރަތަމަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އިތުރު މެޗުތަކަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ނިކުންނަ މެޗާއި ލެސްޓާ ސިޓީއާ ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

މި ފަހަރުގެ ލީގުގެ މެޗް ޝެޑިއުލް ނެރުނުއިރު ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ ސީޒަނުގެ މެދުތެރެއިން ކޮންމެ ޓީމަކަށްވެސް ހަފްތާއެއްގެ ބްރޭކެއް ދޭން ނިންމާފައިވުމެވެ. އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ މެދުތެރޭގައި 10 ޓީމަކަށް ދެ ހަފްތާއަށް ބަހާލައިގެން ބްރޭކެއް ދޭނެއެވެ. މިއިން ކޮންމެ ހަފްތާއެއްގައި ބާކީ އޮންނަ 10 ޓީމުގެ މެދުގައި ފަސް މެޗު ކުޅޭނެ އެވެ. ފުރަތަމަ 10 ޓީމަށް ބްރޭކް ލިބޭނީ ފެބްރުއަރީ މަހުގެ ދެ ވަނަ ހަފްތާގަ އެވެ. އަދި، ޖެހިގެން އަންނަ ހަފްތާގައި އަނެއް 10 ޓީމަށް އެއް ހަފްތާގެ ބްރޭކެއް ލިބޭނެ އެވެ.

މީގެއިތުރުން، ކުރިއަށް އޮތް ސީޒަނުގައި ހުރި ފޯރިގަދަ ބައެއް މެޗުތަކަށް ބަލާއިރު، މިދިޔަ ސީޒަނުގައި ލީގަށް ވާދަކުރި ސިޓީއާ ލިވަޕޫލްގެ ފުރަތަމަ ކުރިމަތިލުން އެންފީލްޑްގައި އަންނަ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހު އޮންނައިރު އެ ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

އެންމެ ފާހަގަކޮށްލެވޭ، މެންޗެސްޓާ ޑާބީގައި ޔުނައިޓެޑާ ދެކޮޅަށް ސިޓީގެ ދަނޑުގައި ފުރަތަމަ މެޗު ޑިސެންބަރު މަހުގެ ފުރަތަމަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮތީ ޔުނައިޓެޑްގެ ދަނޑުގައި އަންނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ހަފްތާގައެވެ.

ޕްރިމިއާ ލީގުގެ ކުރިއަށް އޮތް ސީޒަން ފެށިގެންދާނީ އަންނަ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ވެމްބްލީގައި ލިވަޕޫލްއާ ދެކޮޅަށް ސިޓީ ކުޅުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ޝީލްޑް މެޗުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *