ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖޭއެސްސީއަށް ހުށަހެޅި މައްސަލަ ނިމެންދެން ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ފަނޑިޔާރު ޢަބްދުﷲ ދީދީއެވެ.
ފަނޑިޔާރު ޢަބްދުﷲ ދީދީ ހުށަހަޅުއްވާފައިވާ މައްސަލައިގައި ވަނީ، އޭނާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި އާންމު ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެ މައްސަލަ އަކީ ގާނޫނު އަސާސީގެ އަށް ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ (ހ)އާއި 20 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާއި 43 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާއި 51 ވަނަ މާއްދާގެ (އ)އާ ޚިލާފަށް އަދި ގާނޫނު އަސާސީން ގަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖްރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް އަބްދުﷲ ދީދީ ހުށަހެޅުއްވި މައްސަލާގައި ވެއެވެ.
ޢަބްދުﷲ ދީދީ ހުށަހެޅުއްވި މައްސަލައިގައި އެދިފައިވަނީ، ރައީސް ނަޝީދު ހުށަހަޅައިފައިވާ މައްސަލައަކީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބަލައިގަނެ، އެ ކޮމިޝަނުން ބަލައި އޭގެމައްޗަށް ގޮތްނިންމައި އޭގެމައްޗަށް ގޮތް ކަނޑައެޅޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ މައްސަލާގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އެކަހެރިވުމަށާއި ވަޒީފާއަށް ނުނުކުތުމަށް ޖޭއެސްސީއިން އަންގާފައިވާ އެންގުން ބާތިލްކޮށް ދިނުމަށް ވަނީ އެދިފައެވެ.
ޢަބްދުﷲ ދީދީ ހުށަހެޅި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓަށް ގޮތެއް ކަނޑައެޅެންދެން ފަނޑިޔާރު ދީދީ މަސްއޫލިއްޔަތު އެކަހެރިކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ. އަދި ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިތުރަށް އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށާއި ފަނޑިޔާރު ދީދީގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީއަށާއި ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ވަގުތީ އަމުރުގައި ވަނީ އަމުރުކޮށްފައެވެ.