އެތުލެޓިކޯ މެޑްރިޑްގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާކަން މިދިޔަ މެއި މަހު އިއުލާންކޮށްފައިވާއިރު، ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެނިގެންދާނީ ބާސެލޯނާ އިން ކަމަށް އެތުލެޓިކޯގެ ސީއީއޯ މިގުއެލް އެންޖެލް ގިލް މަރިން ބުނެފިއެވެ.

އެގޮތުން، ގިލް މަރިން ވަނީ އެތުލެޓިކޯ ދޫކޮށްލުމަށްފަހު ބާސެލޯނާ އަށް ގްރީޒްމަން ބަދަލުވާނެކަން މިދިޔަ މާރިޗް މަހުގައި އޭނާ އަށް އެނގިފައިވާކަމަށް ބުނެފައެވެ.

"އަންނަ ސީޒަނުގައި ގްރީޒްމަން ފެންނާނީ ބާސެލޯނާ އިން. މިދިޔަ މާރިޗް މަހު އަހަންނަށް އެކަން އެނގިއްޖެ." ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި މަރިން ވިދާޅުވިއެވެ.

އުމުރުން 28 އަހަރުގެ ގްރީޒްމަން ވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެތުލެޓިކޯގެ އެންމެ މުހިއްމު ކުޅުންތެރިޔާއަށްވެ އެ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި ނިމިދިޔަ ފަސް ސީޒަންވެސް ނިންމާލައިފައެވެ. 

އެގޮތުން، އޭނާ ވަނީ 2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުން 30 މިލިއަން ޔޫރޯގެ އަގަކަށް އެތުލެޓިކޯ އަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމާ އެކު ޔުރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މި ސީޒަން ފެށުމުގެ ކުރިން ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނިކޮށް، އޭނާ ވަނީ ވޯލްޑް ކަޕް ފެށުމުގެ ކުރިން އެތުލެޓިކޯއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ ކޮންޓްރެކްޓްގައިވާ ގޮތުން ކުރިއަށް އޮތް ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ފަހުން ގްރީޒްމަން އަށް 120 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ދޫކޮށްލަން ޖެހެއެވެ. އެހެންކަމަށްވުމުން، ކުރިއަށް އޮތް ދުވަސްތަކަށްފަހު އޭނާ ކުޅޭނެ ޓީމެއް ކަށަވަރުވެގެންދާނެކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *