އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ދޭން، އަދި ރާއްޖެއިން އެހެން މަޝްރޫއެއް ހަވާލު ކުރަން ވެސް ދިވެހި ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހޫދް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރު ތެރޭގައި ކުރަމުން އަންނަ ކަމަށް ކުރާ ތުހުމަތު ތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ޖީއެމްއާރުގެ އޮފިޝަލުން އެއާޕޯޓުގައި ހަރަކާތްތެރިވީ ސަރުކާރާ ގުޅުން ހުރި ކަމެއްގައިތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ސީދާ ޖަވާބު ނުދެއްވައި ހޫދު ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ޓޫރިސްޓުން އަންނަ ގައުމެއް ކަމަށެވެ. އޭގެ ތެރޭގައި ޖީއެމްއާރު ބޭފުޅަކު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ވަޑައިގެންފާނެ ކަމަށް ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ ޖީއެމްއާރް ކުންފުނީގެ ބަޔަކު އެއާޕޯޓުގައި ތިއްބުމަކީ ސަރުކާރާ ގުޅިފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި ޖީއެމްއާރަށް އެއާޕޯޓު ދޭން ރާވާފައި ނުވާ ކަމަށާއި އިންޑިއާއަށް އަދި އެ ގައުމުގެ އެ ކުންފުޏަށް ރާއްޖޭގެ އެހެން ތަނެއް ވެސް ދީފައި ނުވާނެ ކަަމަށް ހޫދު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ގުޅުން ބަދަހިކުރަމުން އަންނަނީ އިންޑިއާއާ އެކަންޏެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް، ސަރުކާރުގެ އަމާޒަކީ ހުރިހާ ގައުމުތަކަކާ އެކުގައި ވެސް ގާތް ގުޅުމެއް ބޭއްވުން ކަމަށް ހޫދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *