ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު މެޗުގައި ޑޭވިޑް ވޯނާ ކާމިޔާބުކުރި ސައްތައާއެކު ޕާކިސްތާން އަތުން 41 ލަނޑުން މޮޅުވެ، އިންޑިއާ އަތުން ބަލިވުމުގެ ހިތްދަތިކަން އޮސްޓްރޭލިއާ އިން ފިލުވާލައިފިއެވެ.
މި ނަތީޖާއާއެކު އޮސްޓްރޭލިއާ ވަނީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ހަމަކޮށް ތާވަލްގެ ދެވަނަ އަށް ޖެހިލައިފައެވެ. އެއްވަނައިގައި އޮތީ ތިން މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު ނިއު ޒީލެންޑެވެ. ހަތަރުވަނައިގައި އޮތް އިންޑިއާ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ނިއު ޒީލެންޑްއާ ދެކޮޅަށް މިއަދު ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ތާވަލްގެ އެންމެކުރިއަށް ޖެހިލުމުގެ ފުރުޞަތުލިބިގެންދާނެއެވެ. ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު ނެޓްރަން ރޭޓްގެ ތަފާތުން މުބާރާތް ބާއްވާ އިންގްލެންޑެވެ.
އިންގްލެންޑްގެ ޓައުންޓަންގައި އިއްޔެ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ގަސްދުކުރީ ހޮވަން އަރާށެވެ. އޮސްޓްރޭލިއާ އިން ކުޅެން އަރައި 49 އޯވަރުގެ ތެރޭގައި ހުރިހާ ކުުޅުންތެރިން ނުބައިވީ 307 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނު ވޯނާ 107 ލަނޑުހެދިއިރު ކެޕްޓަން އާރޮން ފިންޗް ވަނީ 82 ލަނޑުހަދާފައެވެ. މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ ފަސް ވިކެޓްނެގި މުހައްމަދު އާމިރެވެ.
ޕާކިސްތާނުން ޖަވާބުގައި ކުޅެން އަރައި 45.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 266 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 53 ލަނޑުހެދި އިމާމުލް ހައްޤު އާއި 39 ބޯޅައިން 45 ލަނޑުހެދި ވަހާބް ރިއާޒް އެވެ. މީގެއިތުރުން، 15 ބޯޅައިން 32 ލަނޑުހެދި ހަސަން އަލީގެ ކުޅުން ފާހަގަކޮށްލެވެއެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކި ޕެޓް ކަމިންސް ތިން ވިކެޓްނެގިއިރު މިޗޭލް ސްޓާކް އާއި ކޭން ރިޗަޑްސަން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
ކްރިކެޓް ވޯލްޑްކަޕްގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ޒީލެންޑްއާ އިންޑިއާ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަންގެ ލޯޑްސްގައި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.