ރައީސް އޮފީހުން ގާއިމުކުރި، އޮންލައިން ޕޯޓަލްއަށް ހުށަހެޅި، މައްސަލަތަކުގެ ތެރެއިން، 18 މައްސަލައެއް އޭސީސީއަށް ތަހްގީގު ކުރަން ހުށަހަޅައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދް ވިދާޅުވީ، ރައީސް އޮފީހުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް ގާއިމުކުރި އޮންލައިން ޕޯޓަލްއަށް 400 އަށްވުރެ ގިނަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށާއި އަދި، އޭގެތެރެއިން ތަހްގީގު ކުރަންޖެހޭ 18 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު، ރައީސް ވަނީ، "ޒީރޯ ޓިލަރަންސް ޓު ކޮރަޕްޝަން" ގެ ނަމުގައި، ސަރުކާރުގެ އިދާރާތައް އަދި ރާއްޖޭގައި ހިންގާ ކޮރަޕްޝަންތަކުގެ އަމަލުތައް ހުއްޓުވުމަށް ހާއްސަ ކެމްޕޭނެއް ފަށައިފައެވެ.
ރައީސް އޮފީހުން ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލްއަށް ކާކުން ނޭނގޭ ގޮތަށް، ކޮރަޕްޝަނާއި ގުޅޭ ކަންކަމުގެ ޝަކުވާތައް ހުށަހެޅޭނެއެވެ.