އޮސްޓްރޭލިއާގައި، އުދުހޭ ޓެކްސީގެ ހިދުމަތް ދިނުމަށް، އޫބާއިން ތައްޔާރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޫބާއިން އުދުހޭ ޓެކްސީގެ ހިދުމަތް ދޭން ފަށަން ހަމަޖެހިފައިވަނީ 2023 ވަނަ އަހަރު ވިޔަފާރި އުސޫލުންނެވެ.
އޫބާ އެއާގެ ހިދުމަތް އޮސްޓްރޭލިއާއަށް ތައާރަފު ކުރާނެ ކަމަށް އިއްޔެ އިއުލާން ކޮށްފައިވާއިރު މި ހިދުމަތް ދޭނީ މެލްބަންގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މެލްބަންގެ އިތުރުން އެމެރިކާގެ ލޮސް އެންޖަލަސް އާއި ޑަލަސްގައި ވެސް މި ހިދުމަތް ދޭން ވަނީ ނިންމާފައެވެ.
އުދުހޭ ޓެކްސީގެ ހިދުމަތަށް އޫބާ އިން ނުކުންނަން ތައްޔާރުވަމުން އަންނަ އިރު މިކަމަށް ބޭނުން ކުރާނެ އުޅަނދުފަހަރު ބަނުމުގެ މަސައްކަތުގައި ނާސާ އާއި އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން ދެ ކުންފުންޏަކާ އެކު މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރަސްމީކޮށް 2023 ވަނަ އަހަރު އެ ހިދުމަތް ދޭން ނިންމާފައި ވިއަސް، އޫބާ ކުންފުނިން އުދުހޭ ޓެކްސީގެ ހިދުމަތުގެ ޓެސްޓް ފްލައިޓުތައް އަންނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އުބާ ކުންފުނިން ބުނާ ގޮތުގައި އުބާ އެއާގެ ހިދުމަތް ތައާރަފު ކުރުމާއެކު މެލްބަންގައި މިހާރު ކުރާ 19 ކިލޯމީޓަރުގެ ދަތުރެއް 10 މިނެޓް ތެރޭގައި ކޮށްލެވޭނެއެވެ.